ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަވައިލަންސް އޮޕަރޭޝަނެއް އެމްއެންޑީއެފްއިން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އިއްޔެއިން ފެށިގެން ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ދެކުނު ކަނޑު ސިފައިން ބަލަހައްޓަން ފަށާފައިވާއިރު، މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހަހައްދު ކަމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.