ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ފޯރުކޮށްދޭން ފެށި ހެލްތު އިންޝުއަރެންސްގެ ހިދުމަތާއެކު ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.