Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެންމެ ބޮޑު މިސްކިތުގެ ބިންގާ ސެޕްޓެންބަރުގައި އަޅަނީ

ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ގެ ބިންގާ އަންނަ ސެޕްޓެންބަރު މަހު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހިމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

ޝަހީމް ވިދާޅުވީ، މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ ކަމަށެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ކަންކަން ވެސް މިސްކިތުގައި ހިމެނޭނެ ކަމަށާއި މި މަޝްރޫއަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ ކަމަށާއި މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.

މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައި ކަމަށްވެސް ވިދާޅުވި އެވެ.