Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް ޔަގީންކަން ގެނުވައިފި

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް ޔަގީންކަން ގެނުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރައީސް މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވަރަށް ތަފްސީލުކޮށް ހާމަކޮށްދެއްވީ އެމަނިކުފާނު ރާއްޖޭގެ ތަރައްޤީއާމެދު ކުރައްވާ އުންމީދީ ތަޞައްވަރު ކަމަށާއި އެ ތަޞައްވަރު ހަގީގަތަކަށް ހެއްދެވުމަށް މިއަހަރު ކުރައްވާނެ ޢަމަލީ މަސައްކަތްޕުޅުތައް ކަމަށެވެ.

"މި ބަޔާނުގައި އެމަނިކުފާނު ވިދާޅުވި ކޮންމެ ޖުމްލައަކުން ވެސް ރައްޔިތުންގެ ހިތްތަކަށް ޔަގީންކަމާއި ތަސައްލީ ގެނަސްދެއްވީ، ކަންކަން ހިނގަމުން ދިޔަ ގޮތާއި، ސާބިތު ހެކިތަކާއި ހަގީގަތްތަކާއި، ތަފާސްހިސާބުތައް ހާމަކުރައްވައިގެން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ ބަޔާން އެތައް ގޮތަކުން މުހިއްމުވެ ޚާއްޞަވި ސަބަބުތަކެއް ހުރި ކަމަށެވެ. އެއީ، ރައީސް ދެއްވި ތަފްސީލުތަކާއި ހިއްސާ ކުރެއްވި މުހިއްމު ގިނަ މަޢުލޫމާތުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވިއިރު ވާރުތަވަމުން އައި ބިޔަބޮޑު ދަރަނި ޑިފޯލްޓް ނުވެ އަދާކުރަންޖެހޭ އަހަރަކީ މިއަހަރު ކަމުގައިވާތީ ކަމަށް ސައީދު ވިދާޅުވި އެވެ.

މި ދަރަންޏާމެދު މި ސަރުކާރުން ޢަމަލު ކުރައްވާނެ ގޮތް ހާމަކުރައްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޔާނުގައިކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ދަރަނީގެ ފުން އަނދަވަޅުން ޤައުމު ސަލާމަތްކުރައްވާނެ ކަމަށް ދެއްވި ޔަގީންކަމާއި ޢަޒުމުގެ ސާބިތުކަމަށްޓަކައި އެކަނިވެސް މިއީ ތާރީޚީ ބަޔާނަކަށް ވެގެންދާ ކަމަށެވެ.

މީގެއިތުރުން ޤައުމަށް ކުރިމަތިވެފައިވާ މިފަދަ ކޮންމެ މައްސަލައަކާ ކުރިމަތިލައްވައި ސަލާމަތުގެ އައްސޭރިއަކަށް ރައްޔިތުން ގެންގޮސްދެއްވާނެ ގޮތްވެސް މިއަދު ރައީސް ވިދާޅުވެދެއްވީ ނުހަނު ހާމަކަން ބޮޑުކޮށް ކަމަށްވެސް ވިދާޅުވި އެވެ.