މިއަހަރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިިލިސް މިއަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑް ހެދުމާއި އެޑްމިން އިމާރާތަށް ޖާގަ އިތުރުކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކި ބާވަތުގެ ތެރަޕީ އިންޓަގްރޭޓްކުރުމާއި އޯޕީޑީ ޚިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމާއި އަދި ޚިދުމަތްތައް އިތުރުކުރުން މިއަހަރު ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޓާޝަރީ ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން މެމޮގްރަފީގެ ޚިދުމަތް ނެތް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ތަޢާރަފްކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް ޑައިގްނޯސްޓިކް ޚިދުމަތް ފުޅާކުރުމަށް ނިމިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އެގޮތުން، ރޭޑިއޮލޮޖީގެ ޚިދުމަތުގެ ތެރެއިން އެމްއާރްއައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ސްކޭނުގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫއެއް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ޑައިލިސިސްގެ ޚިދުމަތް މުޅިން އަލަށް 9 ރަށެއްގައި ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ 143 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް އަތޮޅު ތެރޭގެ 143 ރަށެއްގައި މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.