އަހަރުތަކެއް ފަހުން ފަރާ ޚާން އެނބުރި މި އަހަރު ޑައިރެކްޝަނަށް އަންނަ ފިލްމަކީ ޝާހްރުކް ޚާން ޑަބަލް ރޯލު ކުޅޭ ގޮތަށް ހަދަން ހަމަޖެހިފައިވާ "މޭ ހޫ ނާ" ގެ ސީކްއެލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް ހަތަރެއްގެ އެ ފިލްމަކީ ފަރާގެ އަލަތު ޑައިރެކްޝަނެވެ. ކާސްޓްގައި ސުޝްމިތާ ސެން އާއި ޒައިދު ޚާންގެ އިތުރުން އަމްރިތާ ރާއޯ ވެސް ހިމެނޭ "މޭ ހޫ ނާ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.
ފަރާ ދާދި ފަހުން ވަނީ މި އަހަރުގެ ފަހުކޮޅު އާ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ. އަދި އެނބުރި އަންނާނީ ވެސް ޝާހްރުކާ އެކީގައި ކަމަށް ބުނެފައިވެ އެވެ. އެކަމަކު އޭނަގެ އާ ފިލްމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން ފަރާ ހަދަން އުޅެނީ "މޭ ހޫ ނާ 2" އެވެ. އަދި މީގެ ސްކްރީންޕްލޭއަކަށް މަސައްކަތް ކުރިއަށްދާ އިރު، މިއީ ޝާހްރުކްގެ ޑަބަލް ރޯލެއް ކުޅޭނެ ފިލްމެކެވެ. އަދި "މޭ ހޫ ނާ 2" އިން ކުރީގެ ބައިގެ ގިނަ ކާސްޓުންތަކެއް ވެސް ފެންނާނެ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ މަސައްކަތް އަހަރުގެ ފަހުކޮޅު ފަށާނީ، ޑިސެންބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކްގެ "ކިންގް" ގެ މަސައްކަތްތައް ނިންމުމަށް ފަހު އެވެ.
އޭނަ ކުރިން ވެސް ފިލްމުތަކެއްގައި ޑަބަލް ރޯލު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އަލަށް ނެޝަނަލް އެވޯޑް މިދިޔަ އަހަރު ލިބުނު 2023 ގެ ފިލްމު "ޖަވާން" އާއި 1998 ގެ ޑުޕްލިކޭޓް" ހިމެނެ އެވެ.
ފަރާ "މޭ ހޫ ނާ 2" އަށް ތައްޔާރުވަމުންް އަންނަ އިރު، އޭނަގެ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ ޝާހްރުކާއި ދީޕިކާ ޕަދްކޯންގެ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ. ފަރާގެ އެންމެ ކާމިޔާބު ފިލްމަކީ ޝާހްރުކާ އެކު ދިޕީކާ ބޮލީވުޑަށް ތައާރަފުކުރި 2007 ގެ "އޯމް ޝާންތީ އޯމް" އެވެ.