މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިން އެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށް ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށް ދޭން ތައާރަފުކުރި ހިދުމަތެކެވެ. އެގޮތުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށް ދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް މަގުފަހިކޮށް ދޭނެ އެވެ.
މި ޚިދުމަތާ ބެހޭ ގޮތުބް ޒަމީރު ވިދާޅުވީ، ރާއްޖޭގައި ލޮޖިސްޓިކްސްގެ ހަރުދަނާ ޚިދުމަތެއް ދެވޭނެ ގޮތްތަކެއް ރާވަން ޖެހޭ ކަމަށާއި، އެމްޕީއެލުން ފެށި ޚިދުމަތާއެކު ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މިހާރު އެމްޕީއެލްއިން މި ގެނައި ޚިދުމަތާއެކު ވަރަށް ގިނަ ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ. ނަތީޖާއެއްގެ ގޮތުން ފައިދާވުމާ އަދި އޭގެ އިތުރުން ވިޔަފާރިތަކުގެ ޑައުން ޓައިމް ކުޑަވެ، ރިސޯޓެއް ހަދާ މީހުންނަށް ވެސް މިކަހަލަ ލޮޖިސްޓިކަލް ޚިދުމަތްތައް ޕޯޓުން ދޭން ފެށުމުން ބޭނުންވާ ތަކެތި އަވަހަށް އައިސް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އެމްޕީއެލުން އަލަށް ތަޢާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ޚިދުމަތް ވެސް ހިމެނެއެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓޭނަރުތައް އެމްޕީއެލްގެ އުޅަނދުތަކުގައި ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް ފޮނުވައިދެވޭނެ އެވެ. އަދި ތިލަފުށީގައި ކޮމާޝަލް ވެއާހައުސިން ގާއިމްކުރުމާއި، މާލޭ ބަނދަރުން އެއާޕޯޓަށް މުދާ އުފުލައިދޭ ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ވެސް ފުޅާކޮށްފައިވެ އެވެ.