Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ވިޔަފާރި ބަނދަރާ ގުޅޭ މަސައްކަތްތަކެއް ޗައިނާގެ ކުންފުންޏަކަށް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ އެ މަސައްކަތް ހަވާލުކުރި ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހައެވެ. އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

އެމްޕީއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިނާއި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީއެޗްއީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، އެކު ންފުނި އެ މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށް ފަހު، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް، މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ރިޝްވާން ވިދާޅުވީ މި އެއްބަސްވުމަކީ އެމްޕީއެލްގެ ތާރީހުގައި މުހިންމު ފިޔަވަލެއް ކަމަށެވެ. އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައި ވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ނޮވެންބަރު 11، 2027 ގައި ބަދަލު ކުރަން ސަރުކާރު އޮތީ އަމާޒު ހިފައިފަ އެވެ. އެކަން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި އެވެ.