އަންނަ ހަފުތާގައި އއ. ތޮއްޑު އަށް މޯލްޑިވިއަނުން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ބުނީ ދަތުރުތައް މި މަހުގެ 12 ވަނަ ދުވަހު ފަށަން ނިންމާފައިވާ އިރު، އެއްކޮޅު ޓިކެޓެއް ވިއްކާނީ 799ރ. އެވެ. މާލެ އިން ތޮއްޑު އަށް ސީޕްލޭންގައި ކުރާ ދަތުރަށް ނަގާނީ ވިއްސަކަށް މިނިޓެވެ.
މޯލްޑިވިއަނުން ބުނީ 12 ވަނަ ދުވަހު ތޮއްޑު އަށް ދަތުރު ފެށުމާ އެކު ހަފުތާ އަކު ދެ ދަތުރު ބާއްވާނެ އެވެ. އެއީ ބުރާސްފައްޗާއޮ ހޮނިހިރުގަ އެވެ.
ފުޅާކޮށް ލޯކަލް ޓޫރިޒަމް ވެސް ހިންގަމުން އަންނަ ތޮއްޑު އަކީ ބޭރު މީހުންގެ އިތުރުން ވަރަށް ގިނަ ދިވެހިން ވެސް ދަތުރުކުރާ ރަށެއްކަން ފާހަގަކޮށްލެވެ އެވެ. އެހެންވެ ގައުމީ އެއާލައިންގެ ސީޕްލޭންގެ ހިދުމަތް ތޮއްޑު އަށް ފެށުމަކީ ރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވިއަނުން މިހާރު ބ. ކަމަދު އާއި ނ. ވެލިދު އަށް ވެސް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.