ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުޢިއްޒު ފޮނުއްވި މި ސިޓީފުޅަކީ ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުންތަކާ ގުޅޭގޮތުން ފޮނުއްވި ސިޓީފުޅެކެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެ ޤައުމުގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، ރައީސްގެ މި ސިޓީފުޅު ސައުދީ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ. މި ސިޓީފުޅާ ސައުދީ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ސައުދީގެ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ވަލީދު އަލްޚުރައިޖީ އެވެ.
މި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.