Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ޑްރަގްސް އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށް

ރާއްޖެއަށް ޑްރަގްސް އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި މި ހުކުމް އިއްވީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގު(65އ)ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ ސޯދިގުގެ މައްޗަށް އުފުލީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ލަންކާއިން އައި ފްލައިޓެއްގައި ވާސްތަކެއްގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގަ އެވެ. އެގޮތުން އޭނާ ފޮރުވައިގެން ގެނައި ޕެކޭޖުތަކުގައި 273 ގްރާމްގެ ޑައިމޯފިން ހުރިކަމަށް ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ ސޯދިގު މި ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ޝަރީއަތަށް ލިބިފައިވާތީ މި ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

މި ދައުވާ ސާބިތުވުމުން 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ޖަލުގައި ކުރިން ހުރި މުއްދަތު ކެނޑުމުން ސޯދިގު ޖަލުގައި ހޭދަކުރަން ޖެހޭނީ 23 އަހަރާއި ހަތް މަހާއި 14 ދުވަހެވެ.