އައްޑޫ ހުޅުދު އާއި މީދު އަށް ރަށު ކައުންސިލް އޮފީސް ގާއިމު ކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.
އެ އަވަށް އައްޑޫ ސިޓީ ކައުންސިލުން ވަކިވެފައިވާތީ ކުރިއަށް އޮތް ލޯކަން ކައުންސިލް އިންތިހާބުގައި ހުޅުދު އާއި މީދު އަށް ވެސް އިންތިހާބު ކުރަން ހަމަޖެހިފައި ވަނީ ރަށު ކައުންސިލްތަކެވެ.
އެހެންވެ އިދާރީ ގޮތަށް އެ ދެ އަވަށުގެ މަސައްކަތްތަކަށް އަންނަ ބަދަލާ ގުޅިގެން ދެ އޮފީހަށް ބޭނުންވާ ޖާގަ ތަނަވަސް ކުރަން ވަނީ ނިންމައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވަނީ ހުޅުދު އާއި އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ދެ ކައުންސިލަށް ވެސް ބޭނުންވާ އިދާރީ މުވައްޒަފުންނާއި މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުއައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަ ންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން އިތުރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން މިހާރު އިދާރީ ހިންގުން ކުރިއަށްދާ އިރު، ކޮންމެ އަވަށެއްގައި ވެސް ހުންނަނީ އަވަށު އޮފީހެކެވެ. އެގޮތުން ހުޅުދު އާއި މީދޫގައި ވެސް ވަކިވަކިން އަވަށު އޮފީސް ހުރެ އެވެ. އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބަށް ފަހު އެ އަވަށު އޮފީސްތައް ބަދަލު ވާނީ ރަށު ކައުންސިލް އިދާރާތަކަށެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ދެން ހިމެނޭނީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދު އެވެ.
ހުޅުދު އާއި މީދޫ ސިޓީ ކައުންސިލުން ވަކިވާން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ފެންނަ ނުފެންނަ ނެގި އިރު، ފޭދޫގައި ވެސް އެފަދަ ވޯޓެއް ނެގި އެވެ. އެކަމަކު ފޭދޫން ނިންމީ ދެމިއޮންނާނި ސިޓީ ކައުންސިލާ އެކީގައި ކަމަށެވެ.