Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

'ކްރިޝް 4' އަށް ޕްރިޔަންކާ ސޮއިކޮށްފި

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ސުޕަހީރޯ ފްރެންޗައިޒް 'ކްރިޝް' ގެ ހަތަރު ވަނަ ބަޔަަށް ޕްރިޔަންކާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަން އަދި ފިލްމުގެ ޓީމުން ރަސްމީކޮށް ޔަގީންކޮށް ނުދިން ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އެކަން މިހާރު ކަށަވަރު ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕްރިޔަންކާ އަކީ 2006 ގެ 'ކްރިޝް' އާއި 2013 ގެ 'ކްރިޝް 3' ވެެސް ބަތަލާކަމެވެ.

މި ދެ ފިލްމަކީ ވެސް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ.

މިދިޔަ އަހަރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 'ކްރިޝް 4' އާ އެކު ރިތިކް ޑައިރެކްޝަނަށް ނުކުންނާނެ އެވެ. އެގޮތުން އޭނަ ކުޅެ، ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމު ހަދަން ނިންމާފައި ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ ގުޅިގެން ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

'ކްރިޝް 4' ޕްރިޔަންކާ ނެގި އިރު، އޭނަ މިހާތަނަށް ރިތިކާ އެކު ތިން ފިލްމެއް ކުޅެފައިވެ އެވެ. އެއީ 'ކްރިޝް' ގެ ދެ ފިލްމުގެ އިތުރުން 2012 ގެ 'އަގްނީޕަތު' އެވެ. މިހާރު ހޮލީވުޑަށް އިސްކަންދޭ ބަތަލާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ 'ދަ ސްކައި އިޒް ޕިންކް' އެވެ.

ޕްރިޔަންކާ އެންމެ އަވަހަށް ފެންނަން އޮތް އިންޑިއާގެ ފިލްމަކީ 'ބާހްބަލީ' އާއި 'އާރްއާއާރް' ފަދަ ވަރުގަދަ ބްލޮކްބަސްޓާތަކެއް ގެނެސްދިން ތެލެގޫ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ 'ވަރަނަސީ' އެވެ. ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލު ކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 7 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ ހިމަނައިގެން ޑައިރެކްޓަރު ފަރުހާން އަހްތަރު 2021 ގައި އިއުލާންކުރި ފިލްމު 'ޖީ ލޭ ޒަރާ' ގެ މަސައްކަތް ފަށަން މިހާރު ޕްލޭން ކުރަމުން އަންނާތީ، އޭނަ ކާސްޓަށް ކަށަވަރު ކުރަން މިހާރު އަންނަނީ ވާހަކަތަކެއް ދެކެވެމުންނެވެ. ތިން އަންހެން އެކުވެރިއެއްގެ ރޯޑް-ޓްރިޕަކަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ މި ފިލްމަށް ނެގި އަނެއް ދެ ބަަތަލާއިންނަކީ އާލިއާ ބަޓާއި ކެޓްރީނާ ކައިފެވެ.

ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރަން ހަމަޖެހިފައި އޮތް ހޮލީވުޑްގެ އެކްޝަން ތުރިލާ 'ދަ ބްލަފް' އެވެ.