Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

ޝައިޠާނުންގެ އެނބުރި އައުން!

​ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަރަށްގިނަ ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ނުފޫޒުގަދަ "އެލީޓުން" އުޅެނީ އިބިލީހަށް އަޅުކަން ކުރުމުގައެވެ. ފެންނަ ފެނުމަށް މިއީ ކުށްހީއެއް ނޫނެވެ.

މި ފާޅުވެގެން އުޅޭ އެޕްސްޓީން ފައިލްތަކުގައި ހުޅަނގުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބައެއް މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ "ސޭޓަނިޒަމް ނުވަތަ ޝައިޠާނީ ކަންތައްތައް" ތަކަކީ ތެދެއް ކަމުގައި ނުވަތަ ދޮގެއް ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް އެފަދަ ކަންތައް ކުރާ މީހުން އެފަދަ ކަންތައް ކުރަނީ ޙަގީގަތުގައި ޖިންނީންގެ ތެރޭގައިވާ އެކިއެކި ޝައިޠާނުން ރުއްސުމަށެވެ. އޭގެ ބަދަލުގައި އެ ޖިންނި ޝައިޠާނުން އެސޮރުމެންނަށް އަޅުކަން ކުރާ މީހުންނަކީ މުއްސަނދި، ބާރުގަދަ އަދި މަޝްހޫރު ބަޔަކަށް ހަދައިދިނުމަށް އެހީތެރި ވެދޭނެ ކަމުގައި ދެކެގެންނެވެ.

އެފަދަ އެހީތެރި ކަމަކީ ނުލިބޭނެ ކަންތަކެއް ކަމުގައިވެސް ނުބެލެވޭނެއެވެ. އެސޮރުމެން އެހީތެރިވަނީ އެސޮރުމެންގެ ވަސްވާސްތަކުގެ ޒަރީޢާ އިންނެވެ. އެއީ މުއްސަނދި މީހަކު ރުއްސައިގެން އޭނާގެ އަތުން މުއްސަނދިކަން ހޯދުން ފަދަ ކަމެކެވެ. ޖިންނި ޝައިޠާނުންނަކީ އިންސާނުންގެ ލޯތަކަށް ކަޝްފުވެފައިތިބެމެ އިންސާނުންގެ ވިސްނުމާއި ކުޅުމުގެ ބާރު ދެއްވާފައިވާ ބަޔަކަށް ވުމުން އިންސާނުންގެ މައްޗަށް އެސޮރުމެންގެ ނުފޫޒު ނުހަނު ގަދައެވެ. އެއީ އިންސާނުންގެ ހިތްތަކުގައި މެދުކެނޑުމެއްނެތް ވަސްވާސްތައް އުފައްދައި، އެމީހުންގެ ފިކުރާއި، އުޅުންތަކާއި، ގުޅުންތަކަށް ނުފޫޒު ފޯރުވުމުގެ ކުޅަދާނަކަން އެސޮރުމެނަށް ލިބިގެންވާތީ އެވެ.

ﷲ ﷻ ގެ ކަލާމްފުޅުން ރައްކާތެރިކަން ހޯދައިގެން ތިބޭ މީހުން ނޫން އެނޫން މީހުންނަށް މި ނުރައްކާ ވަކިން ބޮޑެވެ.

​ބާރުގަދަ އިންސާނުން އެހެން ބާރުގަދަ އިންސާނުންނާއި ގުޅިފައިވާ ފަދައިން ބާރުގަދަ ޖިންނި ޝައިޠާނުންވެސް ވާނީ އެކަތި އަނެއްޗާއި ގުޅިފައެވެ. އެކި އެކި ފަންތި ތަކުގެ ޖިންނި ޝައިޠާނުންގެ އެންމެ އިސް ވެރިއަކީ ލަޢުނަތްލެއްވި އިބިލީހެވެ. އޭނާ ވަނީ ޤިޔާމަތާއި ހަމަޔަށް މަރު ނުގަންނަވައި ލަސްކުރައްވާފައެވެ. "ޕޭގަނިޒަމް" ނުވަތަ ބުދުތަކަށް އަޅުކަން ކުރުމާއި "ސޭޓަނިޒަމް" ގެ ހުރިހާ ބާވަތްތަކަކީ ޙަގީގަތުގައި ނުސީދާކޮށް އިބިލީސް ނުވަތަ ޝައިޠާނާޔަށް އަޅުކަން ކުރުމެވެ.

​އިންސާނީ ތާރީޚު ފެށުނީއްސުރެ އަދި އަދަށް ދާންވެސް މި ފެންނަނީ ޝައިޠާނުންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެކެވެ. އެވޭލާ ޒަމާނުއްސުރެ އިންސާނުން އަޅުކަންކޮށް އުޅުނު ބުދު ތަކާއި އެކިއެކި ނަންކިޔައިގެން އުޅޭ "ޚިޔާލީ ކަލާނގެ" ތައް ކަމަށްވާ ޒިއުސް (Zues)، ރާ (Ra)، ހޯރަސް (Horus) އަދި ގަނޭޝް (Ganesh) ފަދަ ހުރިހާ ތަކެއްޗަކީ އިންސާނުންގެ ޚިޔާލީ އުފެއްދުންތަކެއް ކަމުގައި ވިޔަސް އެތަކެތީގެ ފަހަތުގައި ވަނީ އިބިލީހުގެ ދަށުން މަސައްކަތްކުރާ މަތީ ފަންތީގެ ޖިންނީން ކަމަށް ވެދާނެއެވެ. އެފަދަ ބާޠިލް "އިލާހުން"ގެ ކިބައިން ބައެއް ކަންތައް ފުދޭ ކަމަށް ޖިންނި ޝައިޠާނުން އެކި ގޮތްގޮތަށް އިންސާނުންނަށް ދައްކުވައި ވަސްވާސް ލައިދެ އެވެ.

ރަސޫލުން ފޮނުއްވަވައި އެބޭފުޅުންގެ ދޫފުޅުމަތިން އެންގެވީ ޝައިޠާނުންގެ އަޅުވެތިކަމުން އިންސާނުން މިނިވަންވެގަނެ އެއްކައުވަންތަ އިލާހު ﷲ ﷻ މަޢުރިފާކޮށް ދެނެގަނެ އެއިލާހަށް އަޅުކަން ކުރުމަށެވެ.

ﷲ ﷻ ނޫން ފަރާތަކަށް އަޅުކަން ކުރަނީ ކަމުގައި ވާނަމަ އެ އަޅުކަން ކުރެވެނީ ނުވަތަ އަޅުދާސްތު ވެވެނީ ޙަގީގަތުގައި ޝައިޠާނާ އަށެވެ. ނުވަތަ އެހެން ކޮންމެވެސް ޖިންނި ޝައިޠާނަކަށެވެ. ޝައިޠާނާޔަށް އަޅުވެތި ވެ އެސޮރަށް އަޅުކަން ނުކުރާށޭ އަންގަވާ ވަޙީ ކުރައްވާފައި ވުމުގެ ތީމް ނުވަތަ މަޥްޟޫޢަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ތަކުރާރުވާ އެއް މަޥްޟޫޢެވެ. އަދިވެސް ވަޙީ ކުރައްވާފައި ވެއެވެ: "އަދި ކިއެއްތަ! އެއުރެން އަޅުކަންކޮށްއުޅުނީ ޖިންނީންނަށެވެ." (ސޫރަތު އައްސަބާ: 41).
​މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ފަދައިން، ޝައިޠާނުންވެސް އިންސާނުންނަށް ކާމިޔާބީގެ ގޮތް ދައްކައިގެން އެސޮރުމެނަށް އަޅުވެތިވެ ނުވަތަ ސީދާ އަޅުކަން ކުރުމަށް އިންސާނުން ދެވިހިފުވައެވެ. އެސޮރުމެން ކޮށްދޭ ކަންތަކުގެ މިސާލަކީ ކުންފުންޏެއްގެ ވެރި ސީ.އީ.އޯ ގެ ކަންފަތްދޮށުގައި ވަސްވާސް އުފައްދައިގެން އެސޮރުމެނަށް އަޅުދާސްތުވާ މީހަކަށް މަތީ މަގާމެއް ހޯދައިދިނުން ފަދަ ކަންކަމެވެ. ނުވަތަ އެއީ ކުށްވެރިއަކު ސަލާމަތްކުރުމަށް ވެރިއެއްގެ ހިތަށް ވަސްވާސް ވެއްދުން ކަމަށްވެސް ވެދާނެއެވެ. އޭގެ ބަދަލުގައި، މި ޝައިޠާނުންވެސް ކަންތައްތަކަކަށް ބޭނުންވެއެވެ. ބުދަށް އަޅުކަން ކުރާ މީހުންގެ "ކަލާނގެ ތަކުގެ" ވާހަކަތަކުން ފެންނަނީ އެތަކެއްޗާއި ގުޅި، އޭގެ ފުރަގަހުގައި ފޮރުވިގެން އުޅޭ ޖިންނި ޝައިޠާނުންގެ ނުބައި ނުލަފާ އެދުން ތަކުގެ ވާހަކަ ތަކެވެ. އެސޮރުމެން "ގުރުބާނީއަށް" ބޭނުންވެއެވެ. "ލޭ ދައްކަން" ބޭނުން ވެއެވެ. ހަޑިމުޑުދާރު ކަންކަމަށް ލޯބިކުރެއެވެ. މުޤައްދަސް ކަންތަކާއި ތަކެތީގެ ޙުރުމަތް ކެނޑުމަށް އިންސާނުންނަށް ޖައްސައެވެ. މާތް ވެގެންވާ ގެފުޅުގެ އުރަކޮޅުގެ އެތިކޮޅެއް އެޕްސްޓެއިންއަށް ފޮނުވުމަކީވެސް މި ބާވަތުގެ ކަމަކަށް ވެދާނެއެވެ. ނުވަތަ އޭގައި އެނުން އެޔަށްވުރެ ރަނގަޅު އެހެން މަޤުޞަދެއްވެސް އޮވެދާނެއެވެ.

އިބިލީހާއި އޭނާގެ އަޢުވާން ޖިންނި ޝައިޠާނުންނަކީ އިންސާނުންގެ އެންމެ ގަދީމީ އަދި ނިމުމެއްނެތް ޢަދާވާތްތެރިންނެވެ. އެސޮރުމެންގެ އެންމެބޮޑު މަޤުޞަދަކީ އިންސާނާ ﷲ ﷻ ގެ މަގުން އެއްކިބާކޮށް ރޫޙާނީގޮތުން އިންދިރާސްކޮށް ހަލާކުކޮށްލުމެވެ. ލަވަމުން ލަވަމުން ގެންގޮސް ނަރަކަޔަށް ވައްޓާލުމެވެ. އިންސާނުން ﷲ ﷻ އަށް އަޅުކަން ކުރުމުގެ ބަދަލުގައި އެމީހުންގެ އަޅުންނަށް ހެދުމެވެ. މުޅި މުޖުތަމަޢުގައި ޝައިތާނީ އުސޫލުތައް ފެތުރުމެވެ. މިއަދުގެ މަޝްހޫރު ބައެއް މިއުޒިކްތަކުގެ ތެރޭގައިވެސް މިފަދަ ޝައިޠާނީ ކަންކަން ފެންނަން އެބަހުއްޓެވެ.

ޛިކުރު ކުރުމުން މަލާއިކަތުން ވަޑައިގަންނަވާ ފަދައިން، ސިޙުރާއި، ޙަސަދަޔާއި، ސޭޓަނިޒަމްގެ ޢަމަލުތަކުން ޝައިތާނުން ކައިރި ކުރެވެއެވެ.

​ނަބީބޭކަލުން މި ޝައިޠާނުންނާއި އެސޮރުމެންގެ ވަސްވާސް ތަކާއި ހަނގުރާމަކުރެއްވީ މުޢުޖިޒާތްތަކުގެ އެހީގައެވެ. މޫސާގެފާނު ފިރުޢަވްނުގެ ސިޙުރުވެރިންނާއި ކުރިމަތިލެއްވިއެވެ. މިސްރުގެ މީހުން "ކަލާނގެތަކެއް" ކަމަށް ގަބޫލުކުރި ތަކެތީގެ ނުކުޅެދުންތެރިކަން ﷲ ﷻ ގެ އިޒުނަފުޅާއެކު ދެއްކެވިއެވެ. އެއީ އެމީހުން އެ އަޅުކަންކުރަނީ އަމިއްލަ އެއްވެސް ބާރެއް ނެތް ޝައިޠާނުން ތަކަކަށްކަން ސާބިތުކޮށްދެއްވުމަށެވެ.

ޢީސާ ޢަލައިހިއްސަލާމް ގެންނެވި ރިސާލަތާއި އަދި ​އިސްލާމް ދީނުގެ ސަބަބުން ޝައިޠާނުންނަށް ބޮޑު ހީނަރުކަމެއް އައެވެ. ޚާއްޞަކޮށް، އެންމެ ފަހުގެ ރަސޫލާ ﷺ ފޮނުއްވުމާއިއެކު ﷲ ﷻ ދެއްވި އެއް ހަދިޔާއަކީ އުޑުތަކުގެ ޚަބަރުތައް ވަގަށް އަޑުއެހުމުގެ ފުރުސަތު ޖިންނީންނަށް ބަންދުވުމެވެ. މިއާއެކު ބުދަށް އަޅުކަންކުރުން ހީނަރުވާން ފެށުމުން އިބިލީސް އާ ރޭވުމެއް ރޭވި ކަމުގައި ފެނެއެވެ. އެއީ "ލޮލަށް ނުފެންނަ އެއްވެސް އެއްޗަކީ ޙަގީގީ އެއްޗެއް ނޫން" ކަމަށް ބުނެދީ އެއްކައުވަންތަ ކަލާނގެ ވޮޑިގެންވުން ވެސް ދޮގުކުރުމެވެ. މިއާއެކު "ނެޗުރަލިޒަމް" (Naturalism) ނުވަތަ ހަމައެކަނި ފެންނަ ތަކެތި ގަބޫލުކުރުމުގެ ފިކުރު އުފަންވިއެވެ.

​އެތައް ޤަރުނެއް ވަންދެން މި ފިކުރު ފެތުރުމުގެ ސަބަބުން، މީހުންގެ ހިތްތައް ބަލިކަށިވެ، އީމާންކަމުގެ ނޫރު ފަނޑު ވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިހާރު ޝައިޠާނުން އަލުން އާންމުންގެ ކުރިމައްޗަށް "ނުކުންނަން" ފަށައިފިއެވެ. ދުނިޔޭގެ ނުފޫޒު ގަދަ"އެލީޓުން"ގެ ތެރެއިން މަދުނޫން ބަޔަކު މިއަދު އަޅުކަން ކުރަނީ ޝައިޠާނާޔަށްކަން މިހާރު އެބަ ފެނެއެވެ. ކުޑަކުދިން ކަތިލައި ގުރުބާން ކުރުންފަދަ "އެޕްސްޓީން ފައިލްސް" ފަދަ ލިޔުންތަކުން ފެންނަ ބިރުވެރި ނުބައި ކަންތަކުން ހިތްތަކަށް ބިރުވެރިކަން ވަނުމުގެ ބަދަލުގައި އެކަންތަކަށް ބައެއް މީހުންގެ ހިތްތައް ލެނބި، އެފަދަ ބާރުތައް ހޯދުމަށް ޝައިޠާނުންނަށް އަޅުކަންކުރާ "ސޭޓަނިޒަމް" ގެ އާ ޖީލެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތެވެ.

"ސޭޓަނިޒަމްގެ" ކަންތައް ކުރާ ކަމުގައި ފެންނަ އެއްބަޔަކީ ދުނިޔޭގެ އެންމެ ބާރުގަދަ ސިޔާސީ މީހުންނާއި، އެންމެ ބޮޑެތި މުއްސަނދިންނާއި އެހެނިހެން ނުފޫޒުގަދަ މީހުން ކަމުގައިވާތީ އެ ބާރުތައް ލިބެނީ ޝައިޠާނީ މަގުން ކަމުގައި ގަބޫލު ކޮށްގެންނެވެ.

​ހަމައެކަނި ފެންނަ މާއްދީ ތަކެތި ގަބޫލުކުރާ "ނޯމީ" ދުނިޔެ މިހާރު މިވަނީ ނެތިގެން ދާން ފަށާފައެވެ. ލޮލަށް ނުފެންނަ މަޚުލޫގުންތަކެއް އުޅޭކަމުގެ ހެކިތައް މިހާރު މާ ގިނައެވެ. ޖިންނީންނަކީ މޮޔަ ބައެއް ނޫނެވެ. އެސޮރުމެން ފާޅުވާނީ އިންސާނުން އެޒަމާނެއްގައި ލޯބިކުރާ އަދި ގަބޫލުކުރާ ސިފަތަކުގައެވެ. އެހެންކަމުން، މި ސައިންޓިފިކް ޒަމާނުގައި އެސޮރުމެން "ޔޫ.އެފް.އޯ" (UFO) ނުވަތަ އާދަޔާއި ޚިލާފް ޓެކްނޮލޮޖީ ތަކުގެ ތެރެއިންވެސް ފާޅުވެދާނެއެވެ.

​އުފާވެރި ޚަބަރަކީ، އީމާންކަމާއި، ވުޟޫ އާއި ޛިކުރުތަކަކީ ޝައިތާނުންނަށް ފޫއަޅުވާނުލެވޭނެ އައްޑަނަތަކެއް ކަމެވެ. މިއީ ﷲ ﷻ އިންސާނުންނަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތެވެ. ފެނުގެ ސަބަބުން އަލިފާން ނިވޭ ފަދައިން ﷲ ﷻ ގެ ކަލާމްފުޅުގެ ސަބަބުން ޝައިޠާނުންގެ ބާރު ކެނޑެއެވެ. ޝައިޠާނުންނަކީ އަމިއްލަ އެއްވެސް ބާރެއް އޮތް ބައެއް ނޫނެވެ. އެތަކެތި ބިންމައްޗަށް ދޫކުރެވިފައި ވަނީ އަހަރެމެން އިންސާނުންގެ އިމްތިޙާނަކަށެވެ. ޙަގީގީ ބާރުވެރި ފަރާތަކީ ހަމައެކަނި ﷲ ﷻ އެވެ.

​އަހަރެމެން އިންސާނުން، އަދި ވަކިން އިސްލާމުން މިތިބީ ހަނގުރާމައެއްގެ ތެރޭގައެވެ. މިއަދު ދުނިޔޭގައި "ދީނެއް" ގެ ސިފައިގައި އިންސާނުން ތަބާވާ އޮތީ ހަމައެކަނި އިސްލާމް ދީނެވެ. ބުޑިޒަމް އާއި، ކްރިސްޓިއަނިޓީ ފަދަ ބާޠިލް ދީން ތަކަށްވެސް އިހުގައި މީހުން ތަބާވީ ފަދައިން މިޒަމާނުގައި އެ "ދީން" ތަކަށް ނިސްބަތް ވެގެން އުޅޭ މީހުންވެސް ތަބާއެއް ނުވެއެވެ. މިއަދު އިސްލާމުން މެނުވީ ދުނިޔޭގައި ގިނައީ އެއްވެސް ދީނެއް ނުވަތަ އިލާހެއް ގަބޫލު ނުކުރާ "އޭތީސްޓުން" ނުވަތަ އިލާހެއް ވޮޑިގެން ވިޔަސް ނުވަތަ ނުވިޔަސް ފަރުވާލެއް ނުބަހައްޓާ "އެގްނޯސްޓިކުން" ކަމުގައި ފެނެއެވެ.

އޭތީސްޓުންނަކީ ޙަގީގަތުގައި އެމީހުންގެ ހަވާ ނަފްސަށް ތަބާވުމުގެ ސަބަބުން އެ ހަވާނަފްސްގެ ކޮންޓްރޯލް އެމީހުން ޙަވާލު ކޮށްފައިވާ ޝައިޠާނާތަށް އަޅުކަން ކުރާ ބައެކެވެ. އޭތީޒަމްގެ މި ޒަމާނުގެ ބޮޑެތި އެންމެންހެން އެޕްސްޓެއިންގެ ފައިލް ތަކުން ފެންނަނީ އެހެން ވެގެންނެވެ.

އޭތީސްޓުން އެމީހުންގެ "ނަބިއްޔުން" ކަމުގައި ދެކޭ ޕްރޮފެސަރުން މި ފައިލް ތަކުން ފެނެއެވެ. އޭތީޒަމްގެ "އިމާމެއް" ގެ ދަރަޖަ ދެވިފައިވާ ބޮޑު ޕްރޮފެސަރ ރިޗާރޑް ޑޯކިންސް އާއި އަދިވެސް އޭތިޒަމްގެ އެންމެ ނަގާކިޔާ "ޢިލްމުވެރިން" އެޕްސްޓެއިން ފައިލް ތަކުން ފެންނަނީ މާގިނައެއްކޮށެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނެއްގެ ޙަރަކާތެއް ކުރުމުގެ ބާރެއް ދެއްވާފައި ނުވުމުގެ ސަބަބުން ގޮނޑިއެއްގައި އެނދުމަތިވެފައި އިންނަވާ އޭތީސްޓް ޕްރޮފެސަރ ސްޓެފަން ހޯކިން (1942-2018 އަށް) ވެސް އެޕްސްޓެއިންގެ ރަށުގެ މެހުމާނުންގެ ލިސްޓުން ފެނެއެވެ.

އިބިލީހުގެ މަސައްކަތް ހުއްޓައެއް ނުލައެވެ. ނަމަވެސް، މަލާއިކަތުންގެ ލަޝްކަރުތައްވެސް ވެއެވެ. އަހަރެމެންނަށް ކުރެވޭ ފާފަތަކުގެ ސަބަބުން އެ ނޫރުން އަހަރެމެން މަޙުރޫމްވެއެވެ.

މި ޒަމާނަކީ، މިޒަމާނުގެ ނުބައި ކަމާއި ބިރުވެރި ކަމުގެ ބޮޑު ކަމުން އަބަދުވެސް ވުޟޫމަތީގައި އަދި ޒިކުރުމަތީގައި ތިބެންވީ ޒަމާނެވެ.

​ޔާ ﷲ! އިބަ ރަސްކަލާނގެ ހަނދުމަކުރުމާއި، ޝުކުރުވެރިވުމާއި އަދި އެންމެ ފުރިހަމަ ގޮތުގައި އިނބަ ރަސްކަލާނގެއަށް އަޅުކަންކުރުމުގެ ތަޥްފީޤް އަޅަމެންނަށް ދެއްވާފާނދޭވެ. އަދި އިބިލީހާއި އޭނާގެ އަޢުވާނީ ޖިންނި ޝައިޠާނުންގެ ވަސްވާސް ތަކާއި ނުބައި ކަމުން އަޅަމެންނާއި އަޅަމެންގެ ގެތަކާއި އަޅަމެންގެ ދަރިން ސަލާމަތް ކުރައްވާނދޭވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.