Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

އައްޑޫގެ ތަރައްގީ ހުއްޓިއްޖެ، ކުރިމަގެއް އޮތީ އެމްޑީޕީއާއެކު

މި ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު އައްޑޫގެ ތަރައްގީ ހުއްޓިފައިވާ ކަމަށާއި އައްޑުއަށް ކުރިމަގެއް އޮތީ އެމްޑީޕީއާއެކު ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީގެ ޓިކެޓުގައި މެދުވަލު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝުއާއު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން އައްޑޫގައި ރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަމުން ޝުއާއު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު އައްޑުއަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށާއި އައްޑޫގެ މަގުތައް ހެދުން ހުއްޓިފައިވާއިރު، އައްޑޫގެ ހަންކެޑެ ޕްރޮޖެކްޓާއި އައްޑޫގެ އިގްތިސާދު ވެސް އޮތީ ހުއްޓުވާފައި ކަމަށެވެ.

އައްޑޫގެ ބިންތައް ސަރުކާރުން ފޭރިގެންފައިވާ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހެނީ އަޅުވެތިކަމަށް ނޫނެކޭ ބުނުމުގެ ގޮތުން ކަމަށް ޝުއާއު ވިދާޅުވި އެވެ.

"ތާ އަބަދަށް އައްޑޫ ރައްޔިތުން ގުނބޯ ހައްދައިގެން، އައްޑޫ ރައްޔިތުން ކައިރިން ވޯޓު ހޯދަން ނުފޫޒާއި ފައިސާ ބޭނުންކުރުމަށް ފުރުސަތު ދޭކަށް ނުޖެހޭނެ،" ޝުއާއު ވިދާޅުވި އެވެ.

ޝުއާއު ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމުގެ ބަދަލުގައި ސަރުކާރުން ކުރާ ކަމަކީ ބޮޑު ކުލީގައި އާރްޑީސީގެ އޮފީހެއް ހަދައިގެން ބޮޑު މުސާރަ ދީފައި މުވައްޒަފުން ނެގުން ކަމަށެވެ. މިއީ ރޯމާ ދުވާލު ކުރާ ބޮޑު ވައްކަމެއް ކަމަށާއި އެ ކަންކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށްވެސް ޝުއާއު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށާއި އައްޑުއަށް ކުރިމަގެއް އޮތީ އެމްޑީޕީއާއެކު ކަމަށްވާއިރު އެއީ ތަފާތެއް ނެތި އެއް ފިކުރެއްގައި އޮތް ހަމައެކަނި ޕާޓީ ކަމަށް ޝުއާއު ވިދާޅުވި އެވެ. އަދި ޕީއެންސީގެ ފިކުރުން ވެރިކަމަށް އަންނަނީ ވެރިކަމުގެ އާރާއި ބާރު ހޯދުމުގެ ވިސްނުމުގައި ކަމަށާއި ތަރައްގީގެ ވިސްނުމެއް އޮތީ އެމްޑީޕީގައި ކަމަށް ވިދާޅުވި އެވެ.