ވޯޓު ހޯދަން ސަރުކާރުން ދައްކަނީ ހުސް ވާހަކަ ކަމަށާއި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން އައްޑޫގައި ރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ ކޮންމެ ފަހަރަކު ވެސް އިންތިހާބަކާއި ދިމާކޮށް ސަރުކާރުން ކޮންމެވެސް ކަހަލަ ވާހަކަތަކެއް ދައްކާ ކަމަށާއި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ހަވާއެރުވުން ފަދަ ކަންކަން ވެސް އައްޑޫގައި ކުރި ކަމަށެވެ.
"އިންތިހާބުތަކާ ދިމާކޮށްފައި މި ވާހަކަތައް ދައްކަނީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި. އެއްވެސް އިތުރު ކަމެއް ނެތް. ވެއަތުވެދިޔަ ދެ އަހަރު ނިމިގެންދިޔައިރު ކޮން ކަމެއްތޯ ވެފައި އޮތީ؟" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ހުރިހާ ރަށަކަށް އެމަނިކުފާނަށް ޒިޔާރަތް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ކުރި މަސައްކަތްތައް ފިޔަވައި އައު އެއްވެސް ކަމެއް ކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭއިރު ބަލާލަންވީ، ރާއްޖޭގެ ވަކި ރަށެއް ނޫން، އައްޑޫ ސިޓީއަކަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބަލައިލި ނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނޭ ތަރައްޤީގެ ހަމަ އެއްވެސް މަސައްކަތެއް ކުރާތަނެއް،" ފައިސަލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.