މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާން ފުރިހަމަކަމުން އެމްޑީޕީ މެމްބަރުން ވެސް ތިބީ ހައިރާންވެފައި ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މީގެކުރިން ރައީސަކު ރިޔާސީ ބަޔާން އިއްވަވާއިރު ވަރަށް ގިނަ ފަހަރަށް އިދިކޮޅުގައި ތިއްބަވާ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެންޖެހޭ ކަމަށާއި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާއިން ފެނުނީ ތަފާތު މަންޒަރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ފުރިހަމަކާއި އޭގައި އެކުލެވިގެންވާ ފުރިހަމަ މާނައިގެ ސަބަބުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ތިބީ ހައިރާންވެފައި. އޭގެތެރޭގައި ބައިގަނޑިއެއް ހާއިރު ފަހުން ހުރިހާ ބޭފުޅުން ހަމަހިމެނޭން ވެއްޖެ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނާއެކު އެމްޑީޕީގެ މެމްބަރުން އަތްތިލަބަނޑި ވެސް ޖެހި ކަމަށާއި އެގޮތަށް އެކަން ކުރަން މަޖުބޫރުވީ އެ ބަޔާނުގައި ރައީސް މުއިއްޒު ކޮށްދެއްވާފައި ހުރި މަސައްކަތްޕުޅުތައް ތަފްސީލުކޮށް އަޑުއިވުމުން ކަމަށެވެ. މިދިޔަ ސަރުކާރުގައި ތަރައްގީގެ ބޮޑު އެއްވެސް މަޝްރޫއެއް ނިންމާފައި ނުވާ ކަމަށާއި އެ ޕާޓީގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދަށް ނަފާވާނެ އަދި އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.