Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ދަނޫޝް އަކީ ބޭބެއެއް ކަހަލަ މީހެއް: މުރްނާލް

އެކްޓަރު ދަނޫޝް އަކީ ބޭބެއެއް ކަހަލަ މީހެއް ކަމަށާއި އޭނައާ ލޯބީގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަތަލާ މުރްނާލް ތާކޫރް ބުނެފި އެވެ.

އެ ދެ މީހުން މި މަހުގެ 14 ގައި ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތަކުގެ ރައްދުގައި އިންސްޓަގްރާމް ޕޯސްޓެެއްގައި 33 އަހަރުގެ ބަތަލާ ބުނީ މީސްމީހުންގެ ޒާތީ ކަންކަމާ ބެހޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ތަކުރާރުކޮށް ފަތުރަމުން ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މުރްނާލް ބުނީ އޭނަގެ ޒާތީ ދިރިއުޅުމާ ގުޅުވައި ޙުދު އޭނަ އަށް ވެސް ނޭނގޭ ވާހަކަތަކެއް ފަތުރަމުން ދިއުމަކީ ޒިންދާރުކަން ކުޑަ ކަމެއް ކަމަށެވެ. އެގޮތުން ދަނޫޝްއާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނާ އިރު، އެއީ ދެނަހުރި ކަމެއް ނޫން ކަމަށް ވެސް މުރްނާލް ބުންޏެވެ.

"އަނެއްކާ ދަނޫޝް އަކީ ބޭބެ ކަހަލަ މީހެއް. އެގޮތަށް އަހަރެން އޭނައާ ދޭތެރޭ އަބަދު ވެސް ދެކެނީ،" ކުރިއަރަމުން އަންނަ ހުނަރިވެރި ބަތަލާ ބުންޏެވެ. "ހަގީގަތުގައި ދަނޫޝް އާއި އަހަންނާ ދެމެދު އޮތީ ފިލްމީ މަސައްކަތްކުރާ ދެ މީހުންގެ ހައިސިއްޔަތުން ވަރަށް ޕްރޮފެޝަނަލް ގުޅުމެއް. އެ ނޫން އެއްވެސް ގާތް ގުޅުމެއް ނެތް."

މުރްނާލް ބުނި ގޮތުގައި އޭނަގެ ވާހަކަ އާންމުންގެ ތެރޭގައި ދެކެވެން ބޭނުން ވަނީ ކުރާ މަސައްކަތްތަކާ ގުޅުވައިގެންނެވެ. އެހެންވެ ޒާތީ ކަންކަމާ ބެހި، ހަގީގަތެއް ނެތް ވާހަކަތަކެއް އޭނައާ ބެހޭ ގޮތުން ފެތުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ބުންޏެވެ.

"މިހާރު އަހަރެން މި ހުރި ހިސާބެއް އައި ވަަރަށް ބުރަކޮށް މަސައްކަތްކޮށްގެން. އެކަމަކު އެ ވާހަކަ ދެއްމުމުގެ ބަދަލުގައި އަހަރެންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ދެއްކުމަކީ މުހިއްމު ކަމެއް ނޫން. އަދި އެއީ ބަޔަކާ ބެހޭ ކަމެއް ވެސް ނޫން." ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ މުރްނާލް ބުންޏެވެ.

އޭނަ އާއި ދަނޫޝް ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އަދި މި މަހުގެ 14 ގައި ދެ ތަރިން ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މުރްނާލް ގޮތަށް ދެކުނުގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ދަނޫޝް، 42، އަކީ ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ވެސް ތިބި މީހެކެވެ. އޭނަގެ ކުރީގެ އަންހެނުންނަކީ މަޝްހޫރު ތަރި ރަޖްނީކާންތުގެ ދަރިއެއް ކަމަށްވާ އައިޝްވާރިއާ ރަޖްނީކާންތެވެ. އެ މީހުން 2004 ގައި ކުރި ކައިވެނި ރޫޅައިލީ 2022 ގަ އެވެ.

މުރްނާލް މިހާރު އަންނަނީ މި މަހުގެ 20 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނަގެ އާ ފިލްމު "ދޯ ދީވާނޭ ޝެހެރް މޭ" ޕްރޮމޯޓް ކުރަމުންނެވެ. މި ފިލްމުގެ ބަތަލަކީ ސިދާންތު ޗަތުރަވެދީ އެވެ.