Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މިއީ ރައީސަށް ރަތް ކާޑު ދައްކަންވީ އިންތިހާބެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ދައްކައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަތް ކާޑު ދައްކަން ޖެހޭ އިންތިހާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދ ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން ހޭވައްލާގެ ނަމުގައި މަރަދޫގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ މި ސަރުކާރަކީ ދޮގު މައްޗަށް ދޮގު ހަދަމުންދާ ސަރުކާރެއް ކަމަށާއި މި ސަރުކާރަކީ ތަރައްގީ ވެސް ދަންނަ ސަރުކާރެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އައްޑުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށާއި އެހެންވެ މި ސަރުކާރަށް ރައްޔިތުން ވޯޓް ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ދީދީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ސަރުކާރު ތިން ވަނަ އަހަރަށް އެޅުނު އިރު، ފާއިތުވި ތަނުގައި ނުކޮށް ދެވުނު ކަމެއް ބާކީ އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ކޮށް ނުދެވޭނެ ކަމަށެވެ.

ނަމަވެސް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ހޮޅީ ވާހަކަ ދައްކައި، ރައްޔިތުން ހައްލަން އުޅޭނެ ކަމަށް ދީދީ ވިދާޅުވި އެވެ. އެގޮތުން ވަޒީފާތައް ދޭނެ ވާހަކަ އާއި އެ ނޫން ވެސް ކަންކަން ހުށަހެޅިޔަސް އެއިން ކަމަކަށް ނުހެއްލި ސީދާ ވޯޓް ދޭންވީ ސީދާ ތަރައްގީ އަށް ކަމަށް ދީދީ ވިދާޅުވި އެވެ. އަދި އެ ތަރައްގީ ގެނެސްދޭނެ ބަޔަކީ ހަމައެކަނި އެމްޑީޕީ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުން ބޭނުންވާ އެއްވެސް ތަރައްގީއެއް ކުރިއެރުމެއް ހޯދައި ދެވޭނެ ބޭފުޅެއް ނޫން ކަމަށް އެވެ.

"އެހެންވީމަ ހޮޅި ވާހަކަ ދައްކާ މީހާ އަށް ނުހެއްލޭތީ. އެ ހޮޅި ވާހަކަތަކަށް ވަރަށް ސަމާލުވާތި،" ދީދީ ވިދާޅުވި އެވެ. "ވޯޓް ދޭން ދޭންވީ ތިލަފަތަށް. އައްޑޫ ރައްޔިތުންނަކީ އަބަދު ވެސް ތަރައްގީ އަށް އަށް ވަކާލާތުކުރާ ތަރައްގީ އަށް މަސައްކަތްކުރާ ބައެއް. އެޕްރީލް ހަތަރެއްގައި އެންމެންވެގެން އެމްޑީޕީ އަށް ވޯޓް ދީ ހޮޅި މީހާ ދައްކާލަންވީ ރަތް ކާޑު."