Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އަތޮޅުތަކަށް އޮތީ ބޭއިންސާފު: ނިޒާރު

ރާއްޖޭގެ އާބާދީގެ ބޮޑު ބައި އަތޮޅުތަކުގައި ދިރިއުޅެމުން އަންނަ އިރު، އަތޮޅުތަކާ މެދު ސަރުކާރުން ކަންކަން ކުރަނީ ވަރަށް ބޭއިންސާފުން ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ނިޒާރު، ރޭ އެމްޑީޕީން މަރަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް ދިރިއުޅެނީ އަތޮޅުތަކުގައި ކަމަށެވެ. އެކަމަކު އަތޮޅުތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި ކުރިއެރުމާއި ތަރައްގީގެ ދުވެލި ވަރަށް މަޑު ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިކަން މި ގޮތަށް ދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ނިޒާރު ފާހަގަ ކުރެއްވި ގޮތުގައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަައްހަދު ކަމަށްވާ އައްޑު އަށް ބެލިޔަސް އަސާސީ ހިދުމަތްތައް ވެސް ގާއިމުކޮށްފައި ހުރީ ނަމެއްގައި ކަމަށެވެ.

އެގޮތުން ކަރަންޓާއި ބޯފެނާއި ނަރުދަމާ ފަދަ ނިޒާމުތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި މި ހިދުމަތްތައް ގާއިމުކޮށް ހުރީ ނަމެއްގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ފެނާއި ނަރުދަމާ އެޅީ ނަމެއްގައި، މުޅި ހިތަދޫގައި ނަޖިސް. ފެން ނުލިބޭތާ ބަރާބަރު އެެއް އަހަރު. ސާފު ބޯފެން ހިތަދޫ ރައްޔިތުން ކީއްކުރަން މުޅި އަތޮޅުގެ ރައްޔިތުންނަށް ނުލިބޭތާ އެއް އަހަރު. ކަރަންޓު ކެނޑިދާނެ ވަގުތެއް އަޅުގަނޑުމެން އެކަކަށް ވެސް އިހުސާސެއް ނުވޭ،" ނިޒާރު ވިދާޅުވި އެވެ. "ކުރިއަށް މިއޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. މިއީ އަޅުގަނޑުމެންނަށް ހެޔޮވާ މިންވަރުތޯ؟ ފާއިތުވި ތިން އަހަރު 180 ބިލިއަން ރުފިޔާ ޚަރަދު ކުރެވުނީ ކޮން ކަމަކަށްތޯ؟"

އޭނަ ވިދާޅުވީ އަތޮޅުތަކާ މެދު ބޭއިންސާފުން ކަންކަން ކުރާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް އެންމެ 5 ޕަސެންޓް ދިނުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހިރިއްޔާ ހިތުހުރިހާ ގޮތަކަށް ބަހަން ކަންކަން ކުރަން ބަޖެޓްގައި ފައިސާ ޖަހައިގެން ހުދުމުހުތާރުކޮށް ކަންކަން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ އޮތީ ބަނގުރޫޓްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ވެސް މަސައްކަތް ކުރަނީ ފައިސާ އަޅައިގެން ވޯޓް ހޯދައިގެން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ވިދާޅުވި އެވެ.