އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ކޮކްޓެއިލް 2" ރިލީޒް ނުވަނީސް ޝާހިދު ކަޕޫރާއި ރަޝްމިކާ މަންދަނާ ދެވަނަ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ދެ ތަރިން ސޮއިކުރި ދެވަނަ ފިލްމަކީ ޑައިރެކްޓަރު އަމިތު ޝަރުމާ ހަދަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. ނަން އަދި ސާފު ނުވާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ފަށަން ޕްލޭންކޮށްފައިވާ އިރު، މިއީ ޕްރޮޑިއުސަރު ސުނީރް ކެތުރިޕާލްގެ ވާމިލަން ވޯލްޑް ބެނާ އިން ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
އަމިތު އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2018 ގެ "ބަދާއީ ހޯ" ގެ ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ ދޭވްގަނާ އެކު 2024 ގައި ގެނެސްދިން ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "މައިދާން" އެވެ.
ޝާހިދާއި ރަޝްމިކާގެ "ކޮކްޓެއިލް 2" ގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ނިންމާލާފައިވާ އިރު، މީގެ ކާސްޓްގައި ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ބަތަލާ ކްރިތީ ސެނަން ވެސް ހިމެނެ އެވެ. މި ފިލްމަކީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ 2012 ގެ ފިލްމު "ކޮކްޓެއިލް" އާ ގުޅުވައިގެން އޭނެ ގެނެސްދޭ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ "ކޮކްޓެއިލް 2" ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ.
ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އެކްޝަން ތުރިލާ "އޯ، ރޯމިއޯ" އެވެ.