އެމެރިކާގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ ދަ ވޮޝިންޓަން ޕޯސްޓުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމައިފި އެވެ.
އެތަނުން މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ ވާހަކަ ދެކެވެމުންދާ ދުވަސްތަކެއްވެފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު އެކަން ކަށަވަރުކޮށް ދީފައިވެ އެވެ.
އެގޮތުން ނޫހުގެ އެގްޒެކްޓިވް އެޑިޓަރު މެޓް މުރޭ ޒޫމް މެދުވެރިކޮށް މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ އެތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މުވައްޒަފުންތަކެއް ވަކިކުރަން ޖެހުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއއި އެކަމަކު މިއީ ކޮންމެހެން އަޅަން މަޖުބޫރު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
މުރޭ ވިދާޅުވީ ނޫސް ހިންގަން މާލީ ގޮތުން ވެސް މިހާރު ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ޝިންޓަން ޕޯސްޓަކީ މިހާރު މަހުޖަނު ޖެފް ބެޒޯސްގެ ނިއުސް އެޖެންސީއެކެވެ. އޭނަ އެތަން 2013 ގައި ގަތީ 250 މިލިއަން ޑޮލަރަށެވެ.
ވޮޝިންޓަން ޕޯސްޓްގެ ހުރިހާ ޑިޕާޓްމަންޓަކުން ވެސް މުވައްޒަފުން ވަކިކުރަން ނިންމާފައި އިރު، ބައެއް ސެކްޝަންތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލަން ނިންމާފައި އިރު، ބައެއް ބިއުރޯތަކުގެ މަސައްކަތް ވެސް ހުއްޓާލަން ވަނީ ނިންމައިފަ އެވެ.
މި ބަދަލާ އެކު 300 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭ އެވެ. އަދި އެއީ ވޮޝިންޓަން ޕޯސްޓްގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބަ އެވެ.

މުރޭ ވިދާޅުވި ގޮތުގައ މުވައްޒަފުން މަދުކޮށް، ނޫހުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ބައްޓަންކުރާ އިރު، ލޯކަލް ނިއުސް ޑިޕާޓްމަންޓާއި އެޑިޓަރުންގެ ސެކްޝަންގެ އޮނިގަނޑަށް މުހިއްމު ބަދަލުތަކެއް ގެންނާނެ އެވެ.
ވޮޝިންޓަން ޕޯސްޓުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރަން ނިންމުމާ ގުޅިގެން އެ ތަނުގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ސީދާ ބެޒޯސް އަށް ވެސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް ހުށަހަޅާފައިވެ އެވެ.
މި ފަހަކަށް އައިސް ވޮޝިންޓަން ޕޯސްޓް ކިޔާ މީހުންގެ އަދަދު ދަށްވެފައިވާ އިރު، ނޫސް ނެރޭތާ މިހާރު 148 އަހަރުވެއްޖެ އެވެ.