ޒުވާނުންނަށް ހާއްސަކޮށްގެން ރާއްޖޭގެ 9 ރަށެއްގައި ޔޫތު ހަބް ގާއިމު ކުރަން ނިންމައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތީގައި ދެއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވެފައި ވަނީ މިހާރު ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 9 ރަށެއްގައި ޔޫތު ހަބް ޤާއިމުކުރުމަށް ބިން ހަމަޖައްސައި، އެކަމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާމެ ކަމަށް ވިދާޅުވި އެވެ.
އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލި، ހއ. ދިއްދޫ، އދ. މަހިބަދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ޅ. ނައިފަރު، ރ. އުނގޫފާރު އަދި ލ. ފޮނަދު އެވެ.
ޔޫތު ހަބް އެންމެ ފުރަތަމަ ގާއިމުކުރީ މާލޭގަ އެވެ. އެތަން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގަ އެވެ.
މިއީ ޒުވާނުންނަށް ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށް ދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހިކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، އެކި ކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތު ޔޫބް ހަބްގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.