ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ހާއްސަޖޮށްގެން އައްޑޫގައި ޓެކްސް ފްރީ ޒޯނުގެ ނަމުގައި މި ސަރުކާރުން ކުރަން އުޅޭ ކަމަކީ އައްޑޫ މަރުވާން ދޫކޮށްލުން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ 1 އިން ޓެކްސް ފްރީކޮށް، އައްޑޫ އައިޓީ ހަބަކަށް ވެސް ހަދަން އަމާޒު ހިފާފައިވާ ކަމަށް ސަރުކާރުން އިއުލާންކުރީ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފު ކުރަން އެމްޑީޕީން ރޭ މަރަދޫގައި ބޭއްވި ހޭވައްލާ ޖަލްސާގައި ނިޒާރު ވަނީ ރައީސްގެ އެ ނިންމެވުމަށް ފާޑު ވިދާޅުވެފަ އެވެ.
އޭނަ ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން މުޅިން ފެންނަނީ ހުދުމުހުތާރު ވެރިކަމުގެ ސިފަތަކާއި މާލެއަށް މުޅި އިގުތިސޯދު ޖަމާކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި "ރާއްޖޭގެ އިގުތިސޯދުގެ 70 މާލެއަށް ޖަމާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސް އައްޑު އަށް އިޝާރާތްކުރެއްވި ކަންކަމަކީ ހަގީގަތުގައި ނުރައްކަލެއް ކަމަށެވެ.
"ރައީސްގެ ރިޔާސީ ބަޔާނުގައި އެންމެ ނުރައްކާތެރި ކަމެއް ގޮތުގައި އޮތީ، އައްޑު އަކީ ޓެކްސް ފްރީ ޒޯނަކަށް ހަދައި ވިޔަފާރިތަކަށް ދޭ ބިންތަކުން ކުލި މައާފްކުރުން." ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ޓެކްހާއި ކުލި މާފުކުރަން ސަރުކާރުން ނިންމި އިރު، އެއީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ކަމަށެވެ. އަދި ސަރުކާރުން ދޭ ގްރާންޓުން އިދާރީ ކަންކަމަށް ހަރަދުކުރުމަށް ފަހު ސިޓީ ކައުންސިލަށް ތަރައްގީގެ ކަންކަން ކުރެވެނީ ބިމުގެ ކުލިން ލިބޭ އާމްދަނީން ކަމަށް ވިދާޅުވި އެވެ.
އެހެންވެ ނިޒާރު ވިދާޅުވި ގޮތުގައި އެ ލާރިކޮޅު ވެސް ނުދީ މިހާރު އަމާޒު އެ ހިފަނީ އައްޑޫ އެއްކޮށް މަރުވާން ދޫކޮށްލަން ކަމަށެވެ.
ނިޒާރު ކުރިން ސަރުކާރު ބޭނުން ވަނީ އައްޑޫ އެއްކޮށް ބައިބައިކޮށް، ރޫޅައިކަން ކަމަށް ވެސް ވިދާޅުވި އެެވެ. އެއީ ތިން އަވަށެއް ސިޓީ ކައުންސިލާ ވަކިވާން ފެނޭތޯ މިދިޔަ އަހަރު ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމުމާ ގުޅިގެންނެވެ. އެގޮތުން އެ ވޯޓްގައި ހުޅުދު އާއި މީދޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި އިރު، ފޭދޫން ނިންމީ ސިޓީ ކައުންސިލާ އެކު ދެމިއޮތުމަށެވެ.
އަންނަ އެޕްރީލް މަހުގެ 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ހުޅުދު އާއި މީދު އިންތިހާބު ވަކި ދެ ރަށު ކައުންސިލެވެ. އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭބީ ހިތަދޫ އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދު އެވެ.