Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ހިތަދޫ ޕޯޓްގައި ޑިއުޓީ ފްރީ ޒޯނެއް ގާއިމު ކުރަނީ

އައްޑޫ ހިތަދޫ ޕޯޓްގައި ޑިއުޓީ ފްރފީ ޒޯނުގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޝްވާނެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތިން ޚިދުމަތެއްގެ އެއްބަސްވުމުގައި ސޮއިކުރުން އޮތެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމުކުރުމުގެ ޚިދުމަތެވެ.

އެމްޕީއެލް އިން ބުނީ ޑިއުޓީ ފްރީ ޒޯންގެ ހިދުމަތާއެކު ޑިއުޓީ ނުދައްކާ ކާޑާއި، ކާބޯތަކެތި އަދި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ކަމަށާއި މި ޒޯން މެދުވެރިކޮށް މި ސަރަހައްދުގައި ވަރަށް ކުޑަ އަގެއްގައި މުދާ ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

ބޮންޑެޑް ވެއާހައުސްއާއެކު ވިޔަފާރިވެރިންްނަށް، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކާއެކު ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

މީގެއިތުރުން ހިތަދޫ ބަނދަރުގައި އަލަށް ފަށަން ނިންމާފައިވާ ބަލްކް ކާގޯ ފެސިލިޓީ ގާއިމް ކުރުމާއެކު އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިތަދޫ ބަނދަރުގައި ބެހެއްޓުމުގައި ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ. މި ހިދުމަތަކާއެކު ކޮންސްޓްރަކްޝާން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަނދަަރު ސަަރަހައްދުގައި ހިލަ އާއި ހިލަވެލި ބަހައްޓައިގެން ވެސް ސަޕްލައި ކުރުމުގައިވެސް ފަސޭހަވެގެން ދާނެ ކަަމަށްވެސް އެމްޕީއެލް އިން ހާމަކުރެ އެވެ.