ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން، މި އަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށް ހޯމްލޭންށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ މި މަސައްކަތް ކުރާ ހުރިހާ އިދާރާއެއް އެއް މިނިސްޓްރީއެއްގެ ދަށަށް ގެނައުން ކަމަށެވެ. އަދި މި ބަދަލާއެކު، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗަށް އޮތް ޑިމާންޑު ކުޑަކުރުމުގެ މަސައްކަތްތައް އަންނަނީ ހަރުދަނާ ކުރަމުން ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މީގެ ކުރިން ވައިގެ މަގުން އެތެރެކުރާ ޕެކޭޖުތައް ރެންޑަމްކޮށް ސްކޭން ކުރި ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ގަވައިދުން ބަރާބަރަށް ސްކޭން ކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑުމަގުން ގެންނަ ތަކެތި ޗެކްކުރުމަށް މި އަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ބޭނުންކުރަން ފެށުމަށް ނިންމާފައިވާ ކަމަށާއި އެ ސްކޭނަރު ބޭނުން ކުރަން ފެށުމުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުން 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.