Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

ބަރަކާތްތެރި ރަމަޟާން މަހަށް ކުޑަތަންވެފައިވާ އިރު!

ބަރަކާތްތެރި ރަމަޟާން މަހަކީ އެކަލާންގެ އަޅުތަކުންނަށް ދެއްވަވާފައިވާ އަގުބޮޑު ނިޢުމަތެކެވެ. ކުރެވިފައިވާ ބޮޑެތި ފާފަތަކާއި ކުދި ފާފަތަކުން ނަފްޞު ޡާހިރުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. މުޅި އަހަރުގައި ވެސް މާތް މާތްކުރައްވަވާފައިވާ ބަރަކާތުން ފުރިގެންވާ ހަމައެކަނި މައްސަރެކެވެ. އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކެތްތެރިކަން ލިއްބައިދޭ އަޅުކަމުން ފުރިގެންވާ މައްސަރެކެވެ.

ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަޑުމެނާ ބައްދަލު ކުރުމަށް ކުޑަތަން ވެފައިވާއިރު، އެމަހަށް ތައްޔާރުވުމަށްޓަކައި އެންމެންވެސް ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އެއްބަޔަކު ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކޮށް، ބަދިގެ ސާމާނު ބަދަލުކޮށް ޒީނަތްތެރި ކުރަމުން ގެންދާއިރު އަނެއްބަޔަކު ދަނީ އެމީހުންގެ އަމިއްލަ ނަފްސުތައްވެސް ރަމަޟާން މަހަށް ތައްޔާރުކޮށް އެމަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތްތަށް ބަލަމުންނެވެ.

މި ޙަޤީޤަތާއެކު ރަމަޟާން މަހަށް ތައްޔާރުވަމުން ދާއިރު، އެމަހުގެ ޙަޤީޤީ މަޤްޞަދާ ބޭނުމާމެދު ފުންކޮށް ވިސްނާލަމާތޯއެވެ. ރޯދަ ފަރުޟުކުރުމުގެ ބޭނުމާއި އެ މަހަށް މަރުޙަބާ ކިޔުމަށް ތައްޔާރުވާންވީ ގޮތް ދަސްކުރަން ޖެހެއެވެ. ރޯދަމަހަކީ ދަރުމަޔާއި ޘަބާވުން ފުރިގެންވާ މަައްސަރަކަށް ވާއިރު، އަޅުކަމާއި ހެޔޮކަމުގައި ހޭދަކުރުމަށް އަމުރު ކުރައްވާފައިވާ ނިޢުމަތުގެ މަހެކެވެ. މިއީ މުޅި އަހަރު ތެރޭގައި ކުރެވިފައިވާ ކުށްފާފަތައް ފުހެލުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މި މަތިވެރި އަޅުކަން ފަރުޟު ކުރެވިފައިވަނީ އަޅުގަނޑުމެން ތަޤުވާވެރި ވުމަށްޓަކައެެވެ.

ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެ އެވެ.

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

މާނައީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”

އެހެންކަމުން އަޅުގަނޑުމެނާ ކުރިމަތިލާފައިވާ މި މާތް މައްސަރަށް މަރުޙަބާ ކިޔަން ޖެހެނީ ތިމާގެ ކުށްފާފަތަކުން ސާލާމަތްވުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ތިމާގެ ނަފުސުގައި ހުރި އުނި ކަންތައްތައް ދެނެގަނެ އެކަންތައް ބަދަލު ކުރުމަށް ހިތް ނިޔަތް ޚާލިސްކޮށްގެންނެވެ.

ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހެޔޮގޮތުގައި ހޯދުމަށް ނިޔަތް ގަނެގެންނެވެ. ކުރެވިފައިވާ ކުށްފާފަތަކުން ސަލާމަތްވެ ތިމާގެ އުޚުރަވީ ޙަޔާތް ތަނަވަސް ކުރާނެ ދުވަސްތަކެއް ލިބޭތީ އެކަމަށް ތައްޔާރުވަމުންނެވެ. މި މަތިވެރި މައްސަރުން ތިމާގެ ފާފަތައް ފުހެލުމުުގެ މަތިވެރި އަޒުމާ ނިޔާތާ އެކުގައެވެ.

މިދެންނެވިފަދައިން މިމަހަށް ތައްޔާރުވުމުގެ ގޮތުން ތެދުވެރި ތަޢުބާއަކުން ތަޢުބާވާންޖެހެއެވެ. ތަޢުބާވުމަކީ ހަމައެކަނި ރަމަޟާން މަހަށް ޙާއްޞަކަމެއް ނޫނެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަށް ސާފުކޮށް ކުރެވިފައިވާ ފާފަތަކަށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެއެވެ.

قال تعالى: (وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ)

މާނައީ: އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން އެކީ އެކައްޗަކަށް އަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކަ އެވެ.

އޭގެ އިތުރުން މި ބަރަކާތްތެރި މައްސަރު ލިބޭތޯ ދުޢާކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެކެވެ. މި އުންމަތުގެ ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެން އައިސްފައިވާ ގޮތުގައި އެބައިމީހުން ރޯދަމަސް ޖެހެން 6 މަހަށްވީމަ އެމަސް ލިބޭތޯ، އަދި އެ މަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރެ އެވެ. އަދި ރޯދަ މަސް ނިމުމުން 5 މަސް ވަންދެން އެ ރޯދަ މަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލު ކުރައްވާތޯ ވެސް ދުޢާކުރެ އެވެ.

އެހެންކަމުން، މިރޯދަމަހުގައި އަޅުކަންތަކުގައި މަޝްޣޫލުވެ އުޅުމުގެ އަދި މި ރޯދަމަހުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލީބޭތޯ ކޮންމެ މީހަކުމެ ދުޢާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މާތް ﷲ سبحانه وتعالى ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާއި ބައްދަލުކުރާ ބޮޑު ނިޢުމަތެއްކަމުގައި މިމަހަކީ މިއީ އަޅުކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވި ނަރަކާއިގެ ދޮރުތައް ބަންދު ކުރުމުގެ އިތުރުން سبحانه وتعالىގެ ރަޙުމަތުން ފުރިގެންވާ އުފާވެރިކަމުގެ މޫސުމެކެވެ.

އެހެން ކަމުން މި މައްސަރަށް ފުރިހަމަ ގޮތުގައި ތައްޔާރުވެ މި މައްސަރުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި ރޯދައާ ބެހޭ ގޮތުން ޢިލްމުވެރީން ލިޔުއްވާފައި ހުންނަ ލިޔުންތައްކިޔުމާއި ރޯދަ މަހާ ގުޅޭ ގޮތުން ބޭއްވޭ ޙާއްޞަ ދަރުސްތަކުގައި ބައިވެރިވެ ރޯދައާ ގުޅޭ ގިނަގުނަ މައުލޫމާތުތަށް ހޯދުން ބުއްދިވެރި އެވެ.

މިކަމުގެ ސަބަބުން ތިމާގެ ރޯދައާ ބެހޭ ފިޤުހު އިތުރުވެ ރޯދަ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ލިބިގެން ދާނެ އެވެ. އަދި ތިމަންނަ އަށް އެނގޭ މިންވަރުން ރޯދައާ ބެހޭ ގޮތުން އަނބިދަރީންނަށް އުނގަންނައިދިނުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މަސްދަރު: އިލްމު.އެމްވީ