Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

އައްޑޫގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

މި ދައުރުގެ ތެރޭގައި އައްޑޫ ސިޓީގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ޤާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޞިއްޙީ ނިޒާމު ފުޅާކުރުމަކީ ސަރުކާރުން ޙާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި އެގޮތުން އައްޑޫގެ ޞިއްޙީ ނިޒާމަށް މި މި ދައުރުގެ ތެރޭގައި އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

އެގޮތުން އައްޑޫގެ އެކި ރަށްރަށުގެ ހެލްތު ސެންޓަރުތައް އަޕްގްރޭޑްކުރުމާއި އިތުރު ގިނަ ހިދުމަތްތަކެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ ބައެއް ތަފްސީލުތައް ހާމަކުރައްވަމުން ނާޒިމް ވަނީ މަރަދޫ ހެލްތު ސެންޓަރު އަޕްގްރޭޑުކުރުން ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އަދި ފޭދޫގެ ސިއްހީ ނިޒާމަށް އިންގިލާމީ ބަދަލެއް ގެނައުމުގެ މަސައްކަތް ކަރުދާހައް ތިރިކޮށް ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވިއިރު، މިއަހަރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިިލިސް މިއަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑް ހެދުމާއި އެޑްމިން އިމާރާތަށް ޖާގަ އިތުރުކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކި ބާވަތުގެ ތެރަޕީ އިންޓަގްރޭޓްކުރުމާއި އޯޕީޑީ ޚިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމާއި އަދި ޚިދުމަތްތައް އިތުރުކުރުން މިއަހަރު ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.