Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

400 ޑޮލަރު ދޭނެ ވާހަކައަށް މީހުން ޖަހަނީ ޖޯކު: އިބޫ

ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްގެން އޭގެއިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކައަށް މީހުން ޖަހަނީ ޖޯކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އަންދާޒާ ކުރެއްވި ގޮތުގައި 2030 ފެށިގެން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ލިބޭނެ އެވެ.

އެމްޑީޕީން ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ރިޔާސީ ބަޔާނުގައި ލާމަރުކަޒީ ނިޒާމު ފައްކާކުރުމަށްޓަކާ ކުރާނެ އެއްވެސް ކަމެއްގެ ވާހަކަ ރައީސް މުއިއްޒު ދައްކަވާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އަނެއްކާވެސް ވެވަޑައިގެންނެވީ ޖޯކަކަށް ވާ ފަދަ ބޮޑެތި ވައުދުތައް ކަމަށެވެ. އޭގެތެރެއިން އެންމެ މުހިއްމު ވާހަކައަކަށް ރައީސް މުއިއްޒު ވިދާޅުވީ 10 ރިސޯޓެއް ހަދައި، 2030 ވަނަ އަހަރު 400 ޑޮލަރު ކޮންމެ ރައްޔިތަކަށް ދޭނެ ވާހަކަ ކަމަށާއި އެކަން ގަބޫލުކުރާނީ ކިހިނެއްތޯ އިބޫ ސުވާލުކުރެއްވި އެވެ.

"ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން އެކަމަށް ޖޯކު ޖަހަނީ. މި ދައްކަނީ ގާތްގަނޑަކަށް 800 މިލިއަން، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ވާހަކަ. ކިހިނެއްތޯ އެ ފައިސާ ހޯދަނީ ފުރަތަމަ ކަމަކަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރައީސް މުއިއްޒު ދައްކަވަމުން ގެންދަވަނީ މިފަދަ ވާހަކަތަކެއް ކަމަށާއި ރިޔާސީ ބަޔާނުގައި ވެސް އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށްވެސް ވިދާޅުވި އެވެ.