ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ތިބިއްޖެނަމަ، އައްޑޫ ސިޓީގެ ތަރައްގީ އޮތީ ވަރަށް ކައިރީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ޕީއެންސީގެ އައްޑޫ ކެމްޕެއިން އިފްތިތާހް ކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ޕީއެންސީގެ ލީޑަރުގެ ފަހަތްޕުޅުގައި އެންމެން ސާބިތުކަމާއެކު ތިބިއްޖެނަމަ، އައްޑޫ ސިޓީ އާއި އައްޑޫގެ ތަރައްގީ އޮތީ ވަރަށް ކައިރީގައި ކަަމަށެވެ. މިގޮތުން ވަރަށް ގިނަ ކަންތައްތަކެއް އައްޑޫ އާއި އެ ސިޓީއަށް މި ސަރުކާރުގެ ޒައާމަތުގައި ފެންނަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ކުރިމަގު ވަަރަށް ސާފު، ވެހޭ ވާރޭ އާއި އަތްވާ އެކުގައި އިންޝާﷲ އަޅުގަނޑުމެން ގޮސް ކާމިޔާބު ކުރަން މި ޖެހެނީ ތަރައްގީ، ގައުމުގެ ކުރިއެރުން،". ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އައްޑޫއަށް ބޭނުންވަނީ ކުރިއެރުން ކަމަށާއި އެގޮތުން ވަޒީފާ އުފެދި، ޖީބަށް މުއްްސަނދިކަން އައިސް އަދި ޓޫރިޒަމާއި ވަރުގަދަ އެއާޕޯޓެއްގެ އިތުރުން ކަކަނޑުގެ ބަނދަރު ތަރައްގީވާންޖެހޭ ކަމަށެވެ. އެކަން ކުރާނެ ގޮތުގެ "މެނުއަލް" ވައުދެއްގެ ގޮތުގައި ރައީސް ގެނެސްދެއްވާފައިވާ ކަމަށާއި އަދި އަމަލީ ގޮތުން ވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުމުން ރައީސްގެ މެނުއަލް ތަންފީޒުކުރުމަށްޓަކާ ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށާއި ޓެސްޓު ކުރެވިފައިވާ ބާ ހިޔާލުތަކަކާއި ދިމާލަށް ދިޔުމުގެ ބޭނުމެއް ނެތް ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ބަލަންވީ ކުރިއަށް ދިޔުމަށް ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ޕީއެންސީގެ ފިކުރު ކަމަށްވެސް ވިދާޅުވި އެވެ.