Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އެމްޑީޕީން 15 އަހަރު އައްޑު އަށް ވީ އިހުމާލު: ފަލާހު

އެމްޑީޕީން ފާއިތުވި 15 އަހަރު އައްޑޫއަށްވީ އިހުމާލު ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް އައްޑޫ ސިޓީން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އައްޑޫ އަކީ މިހާ ހިސާބަށް ޕީއެންސީ ނުވަތަ އެ ފިކުރުގެ މޭޔަރަކާއި ކައުންސިލެއް އޮތްތަނެއް ނޫން ކަމަށާއި އައްޑޫ އަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކަމަށްވާއިރު، އެ ސިޓީއަކީ އެންމެ ބޮޑަށް ތަރައްގީކުރަންޖެހޭ އަދި ތަރައްގީ ބޭނުންވާ ސިޓީ ކަމަށެވެ.

"މި ސިޓީއަށް މިދިޔަ 15 އަހަރު އެމްޑީޕީން މިވަނީ އިހުމާލުވެފައި،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ސިޓީތައް ތަރައްގީ ކުރުމުގައި ސިޓީ ކައުންސިލުން އަދާކުރަންޖެހެނީ ވަރަށް މުހިއްމު ދައުރެއް ކަމަށާއި ނަމަވެސް އަބަދުވެސް އެމްޑީޕީން އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ރާއްޖޭގައި ހިންގުނު ތަރައްގީގެ މަޝްރޫއެއް ނެތް ކަމަށާއި ފެންނަން ހުރި ހަމަ އެކަނި އެއްޗަކީ ރިޔާސީ އިންތިހާބަށް ޖެހި ކަޑަތައް ކަމަށްވެސް ވިދާޅުވި އެވެ.

""މިދިޔަ ވެރިކަން ނިމުނު އިރު ރާއްޖޭގެ ހުރިހާ ސްކޫލެއް ހުރީ މޯގޭޖުކޮށްފައި، ލޯނު ނަގާފައި. ނަގާ ލޯނު ވަންނާނީ އެ ބޭފުޅުންގެ ޖީބަށް. އެމްޑީޕީއާއި އަޅުގަނޑުމެންގެ ފިކުރާ ވަރަށް ތަފާތު،" ފަލާހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.