Last Updated: June 8, 14:27
Monday, June 8, 2026
ކުޅިވަރު

އާސެނަލަށް އެއް ވަނައިގައި 9 ޕޮއިންޓުގެ ލީޑެއް

ސަންޑަލެންޑް އަތުން 3-0 އިން މޮޅުވެ، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެއް ވަނައިގައި އޮތް އާސެނަލަށް 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވެ އެވެ. ސިޓީން މިރޭ ކުޅޭނީ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާއަށް 25 މެޗުން 47 ޕޮއިންޓް ލިބިފައިވެ އެވެ. ހަތަރެއްގައި އޮތް ޔުނައިޓެޑަށް 25 މެޗުން 44 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން 43 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ސަންޑަލެންޑް ކޮޅަށް އާސެނަލްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީ އެވެ. ދެވަނަ ހާފުގައި ސަންޑަލޭންޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، އާސެނަލްގެ ސްވިޑެން ފޯވާޑް ވިކްޓަ ޔޯކަރޭސް ވަނީ ދެ ގޯލު ކާމިޔާބުކޮށް އާސެނަލަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 2-0 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. މިއީ ޔުނައިޓެޑްގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވި ފަހުން އެޓީމުން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. މި މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯ އާއި ބްރޫނޯ ފެނާންޑޭސް އެވެ.

ލީގުގެ ފުލުގައި އޮތް ވުލްވްސް އަތުން 3-1 އިން ޗެލްސީ މޮޅުވިއިރު، ޗެލްސީގެ ތިން ގޯލުވެސް ކާމިޔާބުކޮށްދީ ކޯލް ޕާމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި އެސްޓަން ވިލާއިން ބޯންމަތްއާ 1-1 އިން އެއްވަރުވިއިރު، ބްރެންޓްފޯޑުން ވަނީ 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ.