Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

އަކްޝޭގެ "ބޫތު ބަނގްލާ" އަވަސްކޮށްފި

މެއި މަހަށް ފަސްކުރުމަށް ފަހު އަކްޝޭ ކުމާރުގެ މި އަހަރުގެ ފުރަތަމަ ފިލްމު "ބޫތު ބަނގްލާ" ރިލީޒް ކުރުން އަނެއްކާ އަވަސްކޮށްފި އެވެ.

މި ފިލްމު 2024 ގަައި އިއުލާންކުރި އިރު ނިންމީ މި އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނާނެ އެވެ. ނަމަވެސް ދާދި ފަހުން މެއި 15 އަށް ފިލްމު ފަސްކުރިކަން އިއުލާންކުރި އެވެ. އެކަމަކު ފިލްމުގެ ޓީމުން އިއްޔެ ބުނީ "ބޫތު ބަނގްލާ" އަވަސްކޮށް މިހާރު އެޕްރީލް 10 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ޕްރިޔަދަރުޝަން ހަދާފައިވާ ފިލްމެކެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫތު ބަނގްލާ" ގެ ކާސްޓްގައި ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރު މަރުވި އެކްޓަރު އާސްރާނީ ވެސް ހިމެނެ އެވެ.

"ބޫތު ބަނގްލާ" ގެ އިތުރުން މި އަހަރު ޕްރިޔަދަރުޝަންގެ އެހެން ފިލްމަކުން ވެސް އަކްޝޭ ފެންނާނެ ކަމަށް ބެލެވެ އެވެ. އެއީ ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނޭ ތުރިލާ "ހައިވާން" އެވެ. މީގެ ޝޫޓިން މިދިޔަ އަހަރު ނިންމާފައިވާ އިރު، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޕްރިޔަދަރުޝަނާ އެކު އަކްޝޭ ކުރިން މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ"، "ގަރަމް މަސާލާ" އަދި "ބާގަމް ބާގް" ހިމެނެ އެވެ.

މި އަހަރު ރިލީޒްކުރާނެ އަކްޝޭގެ ދެވަނަ ފިލްމަކަށް ވާނީ ޖޫން 26 އަށް ތާވަލުކޮށްފައިވާ "ވެލްކަމް ޓު ޖަންގަލް" އެވެ.

އޭނަގެ 5 ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ.