Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

'ބޭބީބަޔޯ' އިން ވިހަ މާއްދާއެއް ފެނިގެން މަނާކޮށްފި

ތުއްތު ކުދިންނަށް ހާއްސަ ފްރާންސްގެ އުފެއްދުމެއް ކަމަށްވާ "ބޭބީބަޔޯ" މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަގަދަ މާއްދާއެއް ފެނިފައިތީ، އެ ބްރޭންޑު ވިއްކުން ރާއްޖޭގައި މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބްރޭންޑްގެ ފޯމިއުލާގެ ބައެއް ބެޗުތަކުން 'ސެރެއުލައިޑް' ނަމަކަށް ކިޔާ މާއްދާއެއް ފެނިފައިވާ ކަމަށާއި އެއީ 'ބެސިލަސް ސިރިއަސް' ނަމަކަށް ކިޔާ ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށެވެ.

އެހެންވެ އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެއްވިއްޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.

މި ވިހަ ފެނިފައި ވަނީ 'ބޭބީބަޔޯ އޮޕްޓިމާ 1' ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި 'ބޭބީބަޔޯ ކެޕްރިއާ 1' ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފައެވެ.

އެހެންވެ މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން އެމްއެފްޑީއޭ އިން މަނާކޮށްފައިވެ އެވެ.