Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ލޮޖިސްޓިކް ކުންފުންޏެއް ހެދުމުން ކަންބޮޑުވުންތަކެއް

ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ކުންފުންޏެއް އުފެއްދުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައި އެ ނިންމިުން ބަދަލު ކުރައްވަން ގޮވާލައިފި އެވެ.

އެމްޕީއެލުން މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް ލޯންޗްކުރީ ހުޅުމާލޭގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރޭގައި މި މަހުގެ 5 ގަ އެވެ. އެ ކުންފުނި ލޯންޗްކޮށް ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސްގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށް ދޭން ތައާރަފުކުރި ހިދުމަތެކެވެ. އެގޮތުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށް ދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ހިދުމަތް ފަސޭހަ ކުރުން ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ހިލާފު ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުމެއް ނޫން. އެއާހިލާފަށް އަދާކުރަން ޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށް ދިނުން،" އޭނަ ވިދާޅުވި އެވެ. "ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިޤްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް."

ޝާހިދު ވިދާޅުވީ ސަރުކާރުން މި އުފެއްދި ކުންފުނީގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެ އެވެ. އެހެންވެ އެ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުން އަންނަ އެތައް އާއިލާއަކަށް މާލީ ގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހި ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މީގެ ނޭދެވޭ އަސަރު މުޅި އިގުތިސާދަށް ވެސް ކުރާނެ ކަމަށާއި މީގެ ނަތީޖާ އަކީ ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމަންޓްތައް ވެސް މަދުވުން ކަމަށެވެ. އަދި މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް ގެއްލިގެން ދާނެ ކަމަށް ވިދާލުވި އެވެ.

އޭނަ ވިދާޅުވީ ސަރުކާރުގެ މިފަދަ ނިންމުންތަކާ ހެދި އިގުތިސާދީ ދުވެލި މަޑުޖެހި، ވިޔަފާރީގެ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށެވެ. އެހެންވެ ޝާހިދު ވަނީ ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން އަވަހަށް ބަދަލު ކުރަން ގޮވާލައްވައިފަ އެވެ.