Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

"ގްރޭޓާ އައްޑޫ" އަކީ "އިންޑިއާ އައުޓް" ކަހަލަ ބުހުތާނު ދަންތުރައެއް

މި ސަރުކާރުން އައްޑޫ ރޫޅައިލުމަށް ފަހު މިހާރު ކިޔަން ފަށާފައިވާ "ދަ ގްރޭޓަ އައްޑޫ"‏ އަކީ "އިންޑިއާ އައުޓް" ކަހަލަ ބުހުތާން ދަންތުރައެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

"ދަ ގްރޭޓާ އައްޑޫ"‏ ތިލަވެގެން މިހާރު މި އުޅެނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗްކުރަން ހިތަދޫގައި ރޭ ބޭއްވި ޖަލްސާއާ އެކީގަ އެވެ. އެގޮތުން ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވެސް ވަޑައިގެން ކެމްޕޭން ޖަލްސާ ރޭ ބޭއްވީ "ދަ ގްރޭޓާ އައްޑޫ"‏ ގެ ނަމުގަ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި މޭޔަރު ސޯޝަލް މީޑިއާގައި ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމް ނުކުރެވި ރައީސް ޑރ. މުހައްމަދު މުއިޒްގެ ސީދާ މަޝްވަރާގެ މަތިން އައްޑޫ ރޫޅާލައިލުމަށް ފަހު އަދި އެކަމަށް މަސައްކަތް ކުރި މީހުން "ދަ ގްރޭޓަ އައްޑޫ"‏ ކިޔަނީ އޭގެ މާނަ އެނގިގެން ބާއްވައޭ ސުވާލު ވެސް އުފެދޭ ކަމަށެވެ.

"މިއީ ހަމަ އިންޑިއާ އައުޓް" ކަހަލަ ބުހުތާން ދަންތުރައެއް." އޭނަ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" އަކީ މިހާރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންތަެއް އިސްކޮށް ތިއްބަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ގޮވާލައި ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ.

މި ސަރުކާރުން އައްޑޫ ސިޓީ ރޫޅައިލި ކަމަށް މޭޔަރު ތަކުރާރުކޮށް ސިފަ ކުރައްވަމުން ގެންދަވަނީ އައްޑޫގެ އަވަށްތަކެއް ސިޓީ ކައުންސިލާ ވަކިވާން ނުފެންނަ ވޯޓެއް ނަގާފައިވާތީ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެ ވޯޓް ނެގީ ހުޅުދު އާއި މީދޫ އަދި ފޭދޫ ސިޓީ ކައުންސިލާ ވަކިވާން ފެނޭތޯ ބެލުމަށެވެ. އެގޮތުން ނެގި ވޯޓްގައި ވަކިވާން ފެންނަ ކަމަށް ވޯޓް ދިނީ އައްޑޫގެ މީހުން ދިރިއުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫންނެވެ.

މި ބަދަލާ އެކު އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި އެ ދެ ރަށަށް އިންތިހާބު ކުރާނީ ރަށު ކައުންސިލްތަކެވެ.