Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

'ކިލް' ގެ ޑައިރެކްޓަރުގެ އާ ފިލްމު ސަނީ އަށް

ބޮލީވުޑްގެ ފިލްމު 'ކިލް' ގެ ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓްގެ އާ ފިލްމު ސަނީ ޑިއޯލްއާ އެކު ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 2024 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެންމެ އަނިޔާވެރި އިންޑިއާގެ އެކްޝަމް ފިލްމުގެ ގޮތުގައި ގެނެސްދިން ފިލްމާ އެއްގޮތަށް ސަނީއާ އެކު ނިކިލް ހަދަން ނިންމާފައި ވަނީ ވެސް ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށެވެ. އާންމުންގެ ތެރޭގައި ސަނީ، 68، އެންމެ މަޝްހޫރީ ވެސް ވަރުގަދަ އެކްޝަން ތަރިއެއްގެ ގޮތުގަ އެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިކިލްގެ އާ ފިލްމު ހަދަން ނިންމާފައިވާ އިންޑިއާގެ ދެކުނު މަޝްހޫރު ޕްރޮޑަކްޝަން ހައުސް، މައިތުރީ މޫވީ މޭކާސް އާއި ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރަކު ގުޅިގެންނެވެ. އަދި ފިލްމުގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ސަނީއާ އެކު ނިކިލް ފިލްމަކަށް ތައްޔާރުވާ އިރު، ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯ، ޔުނިވާސަލްގެ ފިލްމެއް ހަދަން އޭނަ އަށް ފުރުސަތެއް ލިބިފައިވާ ކަމަށް ވެސް މިދިޔަ އަހަރުގެ މެދުތެރޭގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިހާރު ވަރަށް ބިޒީ އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސަނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 23 ގައި ރިލީޒްކުރި 'ބޯޑާ 2' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'އިއްކާ'، 'ގަބްރޫ'، 'ލާހޯރް، 1947' އަދި 'ރާމާޔަން' ގެ ދެ ބައި ހިމެނެ އެވެ.