ވިހިވަނަ ގަރުނުގެ މެދުތެރޭގައި އައްޑޫ އަތޮޅު ޒަމާނީ ތަރައްޤީގައި ކުރިއަރައިގެން ދިޔައީ، ޤައުމީ ނިޒާމުގެ ތެރެއިން ބަލާއިރު، ހަމަ ނޫން ގޮތަކަށް ކަމުގައި ދިރާއްޖޭގެ އޭރުގެ ވެރިންނަށް ގަބޫލުކުރެވުނެވެ. މި ތަރައްޤީގެ މައިގަނޑު ސަބަބެއްކަމުގައިވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރާއި، އެއަށްފަހުވެސް އިނގިރޭސި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ މަރުކަޒެއް އައްޑޫގައި ޤާއިމުކުރެވިފައި އޮތުމެވެ.
މިކަމުގެ ސަބަބުން އައްޑޫގެ އިޤްތިޞާދީ އަދި ބިނާކުރުމުގެ ޤާބިލިއްޔަތުކަން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން، މާލޭގެ ސިޔާސީ އިސްވެރިންގެ ތެރޭގައި އައްޑުއާ މެދު ދިގުދެމިގެންދާ ޢަދާވާތްތެރިކަމެއް އުފެދުނެވެ.
އެގޮތުން 1940-1950 ގެ އަހަރުތަކުގެ ތެރޭގައި އައްޑޫ އަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އަތޮޅުގެ ގޮތުގައި ފާހަގަ ކުރެވުނު ސަރަހައްދެކެވެ. އިނގިރޭސި ސިފައިންގެ މަރުކަޒުން ތަޢާރަފްކުރި ދެމެހެއްޓެނިވި އަދި އެކަށީގެންވާ މުސާރައެއް ލިބޭ މަސައްކަތު ބާރަކާއި، ޒަމާނީ ފަންނީ ތަމްރީނާއި، އިނގިރޭސި ބަހަށް މޮޅުކަން ލިބިފައިވާ އާބާދީއެއް އުފެދި، ދިވެހިރާއްޖޭގެ އެހެން އަތޮޅުތަކާ ތަފާތު ވަޒީފާގެ ދާއިރާއަކާއި މުއައްސަސާތަކުގެ މާހައުލެއް އައްޑޫގައި ބިނާވެގެން ދިޔައެވެ.
ދާއިމީ ވައިގެ ބަނދަރަކާއި، ސިނާއީ ވަސީލަތްތަކާއި، ރަށްރަށް ގުޅުވައިދޭ ކޯޒްވޭތައް ފަދަ ފުޅާ އިންފްރާސްޓްރަކްޗަރ ތަކާއެކު، މާއްދީ ގޮތުންނާއި މަސައްކަތްތެރިކަމުގެ ގޮތުން ވެސް އައްޑޫ ވެގެންދިޔައީ ވެރިރަށް މާލެއަށް ގޮންޖަހާފައި ކުރިއަރައިގެން ދިޔަ ޒަމާނީ ސަރަހައްދަކަށެވެ.
މި އޮޅުމުގެ ސަބަބުން މަރުކަޒީ ވެރިކަންކުރާ ފަރާތްތަކުގެ ތެރޭގައި ފުން ކަންބޮޑުވުމެއް އުފެދުނެވެ. އައްޑޫގެ ކުރިއެރުން ޤައުމީ ހިއްސާއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މާލޭގެ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން ދެކުނި އެއީ ރަމްޒީ އަދި ސްޓްރެޓެޖިކް ނުރައްކަލެއްގެ ގޮތުގަ އެވެ. ތަރައްޤީވަމުން އަންނަ ވެރިރަށުގެ ދަރަޖައަށް ވާދަކުރާ، ނުވަތަ އެއަށްވުރެ މަތީ ދަރަޖައެއްގައި އޮންނަ އެހެން ސަރަހައްދެއް ރާއްޖޭގައި އޮތުމަކީ، ސިޔާސީ، އިޤްތިޞާދީ، އަދި ސަޤާފީ މައި މަރުކަޒުކަމަށް މާލެއިން ކުރަމުންދިޔަ ޚާއްޞަ ދަޢުވާގެ ސައްޙަކަމާ މެދު ސުވާލު އުފެއްދި ކަމެކެވެ.
މައި ސަރުކާރުން މިކަން ދެކުނީ، އެމީހުންގެ ދަރަޖައާ މެދު އުފެދުނު ބިރުވެރިކަމެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން، އައްޑޫގެ ސަރަހައްދީ ކާމިޔާބީގެ ސަބަބުން ބޮޑު ނުތަވަސްކަމެއް އުފެދި، މަރުކަޒީ ދައުރު ދެމެހެއްޓުމަށްޓަކައި މައިސަރުކާރުން މަސައްކަތްތަކެއް ކުރަން ފެށިއެވެ.
ސަރުކާރުގެ މިފަދަ ނުތަނަވަސްކަން ފަހުން ބަދަލުވެގެން ދިޔައީ ސިޔާސީ ޢަދާވާތްތެރިކަމަކަށެވެ. އެހެންކަމުން، އައްޑޫއަށް އަމިއްލަ ވެރިކަމެއް ހިންގުމުގެ ޙައްގު ނުވަތަ ތަރައްޤީގެ މަރުކަޒަކަށް އައްޑޫ ބަދަލުވުގެ ހުއްދަ ނުދެވުނެވެ. އޭގެ ބަދަލުގައި ދައުލަތުގެ ސިޔާސަތުތައް ކަނޑައެޅުނީ އައްޑޫގެ މައްޗަށް އިދާރީ ކޮންޓްރޯލާއި، ފާރަވެރިކަމާއި، ބާރުވެރިކަން އަލުން ކަށަވަރު ކުރުމަށެވެ. މި ފިތުނަތައް ނިމުމަކަށް އައީ ސިޔާސީ ގޮތުން އައްޑޫ ބާކީކުރާ ކަމަށާއި، ސަރަހައްދީ ޚުދުމުޚުތާރުކަން އައްޑޫގެ މައްޗަށް މައިސަރުކާރުން ދަމަހައްޓާ ކަމަށް ގަބޫލު ކުރެވި، 1950 ގެ އަހަރުތަކުގެ ފަހުކޮޅު، އައްޑޫގައި ވަކިވެރިކަމެއް އުފެދިގެންނެވެ.
ސުވާދީވް ސަރުކާރު އުވައިލުމާ ގުޅިގެން، އައްޑޫއާ މެދު މާލެއިން ގެންގުޅުނު ޢަދާވާތްތެރިކަން ކުޑަވެގެންނެއް ނުދިޔައެވެ. އޭގެ ބަދަލުގައި އިތުރަށް ހަރުދަނާކުރެވި، ނިޒާމީ ގޮތުގައި. އެކަން ކުރިއަށް ގެންދެވުނެވެ. މައި ސަރުކާރުން ހިންގި އިސްތިޢުމާރީ ސިޔާސަތުތަކުގެ ބޭނުމަކަށް ގިނަ ފަހަރުވީ، ކުރިއަރާފައިވާ ވާދަވެރި މަރުކަޒެއްގެ ގޮތުގައި އައްޑޫ އަލުން ބާރުގަދަވިޔަ ނުދިނުމަށެވެ. އެއީ ވަރަށް ފުރިހަމައަށް ރާވައި، ފަރުމާކުރެވުނު ކަންތައްތަކެކެވެ. އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަފާތުކުރުމާއި، ސިޔާސީ ތަމްސީލު މާލެއަށް މަރުކަޒުކުރުމުގެ ސަބަބުން، އައްޑޫގެ ކުރިއެރުމަށް ގަސްތުގައި ހުރަސްތައް ކުރިމަތިކުރުވައި، އެކަން ދެމެހެއްޓުނެވެ. އައްޑޫގެ ރައްޔިތުން ސަރުކާރުގެ މި ސިޔާސަތުތައް ދެކެނީ ހަމައެކަނި އިދާރީ ބާރުތައް މަރުކަޒުކުރުމުގެ ގޮތުގައެއް ނޫނެވެ. އެމީހުން އެކަން މާނަކުރަނީ، ވެރިކަން ކުރާ މަރުކަޒީ ބާރާއި އިޤްތިޞާދީ އިމްތިޔާޒު ގެއްލިދާނެ ކަމަށް ހީވެގެން، ހަސަދަވެރިކަމާ އެކު މާލެ އިން ކުރި ކަމެއްގެ ގޮތުގަ އެވެ.
މިފަދަ ވިސްނުންތަކަކީ ރަސްމީ ޙައިސިއްޔަތަކުން ކަނޑައަޅައިގެން ވަކިބަޔަކު ތަފާތު ކުރުމުގެ ގޮތުން ހިންގުނު ރަސްމީ ސިޔާސަތެކޭ ނުބުނެވުނަސް ފިއްތުންތަކާއި، ބާކީކުރުމާއި، ޙަސަދަވެރިކަން ދެމިއޮތްކަމީ ތަޖުރިބާތަކުން ފެންނަން އޮތް ޙަގީގަތެކެވެ. ވަކިން ޚާއްސަކޮށް މައުމޫން ޢަބުދުލް ޤައްޔޫމް އޭ ކިޔާ ބޭފުޅަކު 1978-2008 އަށް ރާއްޖޭގައި ކުރެއްވި ވެރިކަމުގައި އައްޑޫ ބާކީ ކުރުމާއި ތަރައްގީ އާއި ކުރިއެރުމަށް ހުރަސް އަޅުއްވައި ފިއްތުންތައް ކުރިމަތި ކުރުވިކަމީ ފާޅުކަން ބޮޑު ޙަގީގަތެކެވެ.
މި ޒަމާނުގެ ތާރީޚްގައި ވެސް އައްޑޫގެ ތަރައްޤީގެ މަސައްކަތްތައް ގިނައިން ވަޒަން ކުރެވެނީ އިތުބާރު ނެތްކަމުގެ ތާރީޚީ ލެންސެއްގެ ތެރެއިންނެވެ. އެމްޑީޕީ ނޫން އެހެން ސަރުކާރުތަކުން އައްޑޫއަށް ގެނައި ކޮންމެ ކުރިއެރުމެއް ވެސް ބިނާވެގެން ދިޔައީ ދައުލަތުގެ ތާއީދަށް ވުރެ މަރުކަޒީ ދެކޮޅުވެރިކަމުން އަރައިގަތުމުގެ ސަބަބެއްގެ ގޮތުގަ އެވެ.