ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ހަދިޔާކޮށްފި އެވެ.
ކަރެކްޝަންސް އިން ބުނީ ސްކޫލަށް ހަދިޔާކުރި ޑެސްކްތަކަކީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން ޖަހާފައިވާ ޑެސްކްތަކެއް ކަމަށެވެ.
ހިންމަފުށީ ސްކޫލަށް ޑެސްކްތައް ހަދިޔާކުރީ އިޖްތިމާޢީ ގޮތުން އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، މީހުންގެ ހުނަރުތައް ތަރައްޤީވާނެ ކަމަށެވެ. މިދިޔަ އަހަރު ބޭއްވި ގައުމީ މަރުކަޒުގައި ވެސް ގައިދީންތަކެއް އުފެއްދުންތެރި މަސައްކަތްތަކެއް ދައްކާލާފައިވެ އެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަށް ކަރެކްޝަންސް އިން އަންނަނީ އެކިއެކި ފަރާތްތަކާ ގުޅިގެން މަސައްކަތްތެރިކަމުގެ ތަފާތު ހުނަރުތައް ދަސްކޮށް ދެމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ އެ މީހަކު އަނބުރާ މުޖުތަމަށް ނުކުންނަ އިރު، އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދީ، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ.