Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ރިޔާސީ ބަޔާނަށް ރީތިކޮށް ޖަވާބުދާރީވެވޭކަށް ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރަށް ދެއްވި ރިޔާސީ ބަޔާނަށް ރީތި ގޮތުގައި ޖަވާބުދާރީ ވެވެން ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރޭ އެމްޑީޕީން އައްޑޫ މަރަދޫގައި "ހޭވައްލާ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ހިތަދޫ ދެކުނުގެ ދާއިރާގެ މެންބަރު ވިދާޅުވީ އިދިިކޮޅު ޕާޓީގެ ހައިސިއްޔަތުންނާއި ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނަ އަށް ރައީސްގެ ބަޔާނެއް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ތިން ގަޑިއިރަށް ދެއްވި ބަޔާނާ ގުޅިގެން ރީތިކޮށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ނާޒިލު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެ ބަޔާނުގައި ހުރީ ހުސް ބުހުތާން ދޮގުތައް ކަމަށެވެ. އެހެންވެ އެެފަދަ ބަޔާނަކަށް ތަފުސީލުކޮށް އަދި ރީތިކޮށް ޖަވާބުދާރީވާން ޖެހޭ ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ނާޒިލު ވިދާޅުވީ މިދިޔަ އަހަރު ދެއްވި ރިޔާސީ ބަޔާނަށް ތަންކޮޅެއް ތަފުސީލުކޮށް ރީތިކޮށް، ޖަވާބުދާރީވެވަޑައިގަތް ކަމަށެވެ.

"ވަރަށް ކުރުކޮށް މި ފަހަރު ޖަވާބުދާރީ ވާނީ. މިދިޔަ އަހަރު އަޅުގަނޑު ޖަވާބުދާރީވިން ފުރިހަމައަށް އަށް ތަންކޮޅެއް ރީއްޗަށް،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް މިހާރަކު ނެތް އެކަން އެގޮތަށް ކުރެވޭކަށް."

އަދި މި އަހަރު ބަޔާން ދެއްވުމާ ހަމައަށް ދިޔަ އިރު، މިދިޔަ އަހަރު ދެއްވި ބަޔާނުގައި ވިދާޅުވެފައިވާ އެެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނުހިނގާ ކަމަށާއި ބަޔާނުގައި ފާހަގަކުރެއްވި އެއްވެސް ކަމެއް ވެފައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.