Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ތަރައްގީ ރައީސް ބައްލަވާލައިފި

މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާރު ބާޒާރުމަތީ ސަރަހައްދުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު މިއަދު ވަނީ އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަ ށްގޮސްފައިވާ މިންވަރު ވަޒަން ކުރައްވައިފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުޚަބާ ދެންނެވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްޠަލިބެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ. އަމާޒަކީ އެ މަސައްކަތް ކުރިއަށް އޮތް ރޯދައިގެ ކުރިން ނިންމުމެވެ.

މި މަގު ތިން ސެގްމަންޓަކަށް ބަހާލައިގެން ތަރައްގީ ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 9 ގަ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ފުރަތަމަ ސެގްމަންޓް ޖުމްހޫރީ، މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގު ހަދައި، އެ ސަރަހައްދު ހުޅުވީ މިދިޔަ ޑިސެންބަރު މަހު އެވެ.