ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް އެއް ދުވަހެއްގައިމަރުވި ދެ ގައިދީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 2 ގައި މަރުވެފައި ވަނީ އައްޑޫ.، ހިތަދޫ، ޙަސަން ނިޔާޒު 45، އާއި ދރ 439، އިބްރާހީމް ސުހައިލް 53، އެވެ.
ފުލުހުން ބުނީ މި ދެ މީހުހުންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެ ދެ މަރާ ގުޅިގެން ކަރެކްޝަންސް އިން ބުނެފައި ވަނީ މީގެ ތެރެއިން ހުޅުމާލޭގައި ޖަލުގައި ހުކުމް ތަމްފީޒު ކުރަމުން އައި ސުޙެއިލް މަރުވީ އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށް ކަމަށެވެ. އަދި އޭނަ އަށް ނިއުމޯނިއާ ޖެހިފައި ކަމަށް ބުނެފައި އެވެ.
މީގެ އިތުރުން ސުހައިލަކީ މިދިޔަ އަހަރު ސްޓްރޯކެ އްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުން އައި މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.
ނިޔާޒު މަރުވީ މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު، ހުޅުމާލޭ ޖަލުގައި ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނަ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށް ސާބިތުވެ މިދިޔަ މަހުގެ ފަހުކޮޅު 25 އަހަރަށް ޖަލަށް ހުކުމްކުރި މީހެކެވެ.