ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ، މި ޕޯޓަލްއަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް ތާއާރަފް ކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.
މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ، މި ޕޯޓަލް މެދުވެރިކޮށް، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ ވަގުތުން ބަލައިލެވޭނެ ކަމަށެވެ.
މި ނިޒާމުގެ ތެރެއިން ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށް ކަމަށާއި، މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގައި މަޖިލިސް މެންބަރުންނަށް ބަރޯސާވުން ކުޑަވެ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ކަންބޮޑުވުންތައް ފާޅުކުރުމުގެ މަގު ހުޅުވިގެންދާނެ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
މި ޕޯޓަލް އިފްތިތާހުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިއީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މި ޕޯޓަލް ފަރުމާކޮށްފައިވަނީ ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.