"ގްރޭޓާ އައްޑޫ" އަކީ އައްޑޫގެ ތަރައްގީގެ އައު ވިސްނުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗްކުރަން ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވަނީ "ގްރޭޓާ އައްޑޫ" ގެ ތަސައްވުރުގެ މުހިއްމު ބައެއް ކަންކަން އާންމުކޮށްފަ އެވެ.
އައްޑުއަށް ނިސްބަތްވާ މިނިސްޓަރު އިހުސާން ވިދާޅުވީ "ދަ ގްރޭޓާ އައްޑޫ" ވިޝަނަކީ ދިވެހިންގެރާއްޖޭގެ އައްޑޫގެ ތަސައްވުރު ކަމަށާއި އަދި މިއީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޭޔަރާއި ހުރިހާ ކެންޑިޑޭޓުން ވެސް ތަސައްވުރު ކަމަށެވެ.
"އައްޑޫ ސިޓީގެ ރައްޔިތުން އެތައް އަހަރެއް ވަންދެން އެދި އެދި ތިބި ތަރައްގީގެ އައު ވިސްނުން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން މިހެން ވިދާޅުވިއިރު، "ދަ ގްރޭޓަ އައްޑޫ" އަކީ "އިންޑިއާ އައުޓް" ކަހަލަ ބުހުތާން ދަންތުރައެއް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިޒްގެ ސީދާ މަޝްވަރާގެ މަތިން އައްޑޫ ރޫޅާލައިލުމަށް ފަހު އަދި އެކަމަށް މަސައްކަތް ކުރި މީހުން "ދަ ގްރޭޓަ އައްޑޫ" ކިޔަނީ އޭގެ މާނަ އެނގިގެން ބާއްވައޭ ސުވާލު ވެސް އުފެދޭ ކަމަށެވެ.
"މިއީ ހަމަ އިންޑިއާ އައުޓް" ކަހަލަ ބުހުތާން ދަންތުރައެއް." ނިޒާރު ވިދާޅުވި އެވެ.
މި ސަރުކާރުން އައްޑޫ ސިޓީ ރޫޅައިލި ކަމަށް މޭޔަރު ތަކުރާރުކޮށް ސިފަ ކުރައްވަމުން ގެންދަވަނީ އައްޑޫގެ އަވަށްތަކެއް ސިޓީ ކައުންސިލާ ވަކިވާން ނުފެންނަ ވޯޓެއް ނަގާފައިވާތީ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެ ވޯޓް ނެގީ ހުޅުދު އާއި މީދޫ އަދި ފޭދޫ ސިޓީ ކައުންސިލާ ވަކިވާން ފެނޭތޯ ބެލުމަށެވެ. އެގޮތުން ނެގި ވޯޓްގައި ވަކިވާން ފެންނަ ކަމަށް ވޯޓް ދިނީ އައްޑޫގެ މީހުން ދިރިއުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫންނެވެ.
މި ބަދަލާ އެކު އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި އެ ދެ ރަށަށް އިންތިހާބު ކުރާނީ ރަށު ކައުންސިލްތަކެވެ.