މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ، "މޯލްޑިވިއަން ބްލަޑް ސާވިސަސް"ގައި ތެލަސީމިއާގެ ބާވަތްތައް ދެނެގަންނަން ހަދާ ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް މިއަދު ހުޅުވައިފި އެވެ.
މި ލެބޯޓްރީ މިއަދު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން، "ލޭގެ ބަލިތަކަށް ހާއްސަ ކުރެވިގެން ވަށާ ޖެހޭ ފަރުވާގެ ނިޒާމެއް ގާއިމު ކުރުން". ގެ ތެރެއިން ފެށިގެން ދިޔަ ހިދުމަތެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ހަފްލާގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މިއަދު ފެށިގެންދިޔަ މި ހިދުމަތާއެކު އާއިލީގޮތުން، ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި، ތަހްލީލު ކުރެވި ނަތީޖާ ލިބިގެންދާނެ ކަމަށާއި، އަދި ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނޭކަން ކަމަށެވެ.
މިއީ، ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ތަހުލީލުތަކެއް ކަމަށާއި ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ހާއްސަ ކުރެވިފައިވާ ކިޓްތަކެއް ފަރުމާ ކުރެވިފައި ވަނީ ދިވެހީންނަށް ހާއްސަ މިންގަނޑުތަކަކަށް، ރިއާޔަތް ކުރެވިގެންކަމަށް ވިދާޅުވި އެވެ. އަދި ލޭގެ މިއުޓޭޝަންތަކުގެ ތެރެއިން މީގެ ކުރީން ހަދަމުން އައި ތަހްލީލުތަކުން، ދެނެނުގަނެވޭ މުހިންމު މިއުޓޭޝަންސްތައް މިހާރު ދެނެގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ދައުލަތުގެެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޤާއިމުކުރެވުނު މި ހިދުމަތް ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރިން ތެލަސީމިއާއަށް ވާރުތަކު ކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެ ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާއި އަދި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ހިދުމަތް ފެށުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޖީލު ތަކަކަށް މި ހިދުމަތުގެ ފަސޭހަކަމާއި އަދި ފައިދާ ދެމިގެންދާނެ ހިދުމަތެއް،". އޭނާ ވިދާޅުވި އެވެ.
މިއީ ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލު ކުރި ފަހުން، ފެށި ތިން ވަނަ ހިދުމަތެވެ. މީގެ ކުރިން އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ، އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމް ކުރުމާއި، އަދި ތެެެލެސީމިއާ ބަލި މީހުންނަށް ޕޭޝަންޓް ކެއާގެ ސެންޓަރުގެ ހިދުމަތް ހިމެނެ އެވެ.