މި ވާހަކަ ޚާއްޞަކުރެވިފައި ވަނީ ތިބާއަށެވެ. ކިޔާލާށެވެ. އޭރުން ތިބާއަށް އެކަން ޤަބޫލު ކުރެވޭނެ އެވެ.
އެއް ދުވަސްވަރެއްގައި މަސްވެރިއަކު އުޅުނެވެ. އޭނާގެ މަސައްކަތުގައި އޭނާ ވަރަށް ކާމިޔާބެވެ. ކޮންމެ ދުވަހަކު ﷲ ގެ އިރާދަފުޅާ އެކު މަހެއް ބާނައެވެ. އެ މަސް ހުސްވުމުން އެހެން މަހެއް ބޭނުމައްޓަކާ އަތިރިމައްޗަށް ދެ އެވެ.
އެއް ދުވަހަކު އޭނާގެ އަނބިމީހާ މަސް ކަނޑަމުން ދަނިކޮށް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެ އެވެ. އޭނާ އަށް ފެނުނީ މަހުގެ ބަނޑުތެރެއިން މުތެކެވެ.
މުތެއް، މަހެއްގެ ބަނޑުތެރެއިން… ސުބުޙާނަﷲ…!!!
"ލޯބިވާ! ލޯބިވާ! ނިކަން މިއޮއް ފެނުނު އެއްޗެއް ބަލާބަލާށެވެ."
"ކޯއްޗެއް"
"މުތެއް!، މުތެއް؟!"
މަސްވެރިޔާ އެ މުތް ހިފައިގެން އޭނާގެ އަވައްޓެރި ގަހަނާ ފިހާރައަކަށް ދިޔައެވެ. ފިހާރައިގެ ސޭޓު އެ މުތަށް ބަލާލުމަށްފަހު ބުންޏެވެ. ތިޔަފަދަ ރިތީ މުތެއް ގަތުމުގެ މާލީ ތަނަވަސް ކަމެއް އަހަރެންގެ ނެތެވެ. ތިޔައި އަގުކުރެވޭނެ އެއްޗެއް ނޫނެވެ.!
އެކަމަކު، ތި ހިފައިގެން އަވަށުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ގާތަށް ދާށެވެ. އޭނާއަށް ތިޔަ ގަނެވިދާނެއެވެ.
އެހެންކަމުން މަސްވެރިޔާ އަވަށުގެ ބޮޑު ވިޔަފާރިވެރިއެއްގެ ކައިރިއަށްދިޔައެވެ. އަދި އެވާހަކަތައް ކިޔައިދިނެވެ އެ ވިޔަފާރިވެރިޔާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަޚާއެވެ! ތިޔައީ އަގުނުކުރެވޭނޭ އެއްޗެކެވެ! އެކަމަކު އަހަރެން ޙައްލެއް ބުނެފާނަމެވެ. ރަށުގެ ގަވަރުނަރުގެ ގާތަށް ތިޔަ ހިފައިގެން ދާށެވެ. ތިޔަ ގަތުމުގެ ޤާބިލްކަން ހުރީ ހަމައެކަނި އޭނާގެ އެވެ.
މަސްވެރިޔާ އަގުބޮޑު ޚަޒާނާ ހިފައިގެން ގަވަރުނަރުގެ ދޮރުކޮޅުގެ ކުރިމަތީގައި ހުއްޓިގެން ހުއްޓެވެ. އެތެރެއަށް ވަނުމުގެ އިޛްނަ ލިބެންދެނެވެ.
ގަވަރުނަރަށް އެ ފެނުމާ އެކު ބުންޏެވެ. މި އަގުބޮޑު މުތަކީ އަހަރެން ހޯދަމުން އަންނަ އެއްޗެކެވެ. އެކަމަކު މިއަށް އެކަށީގެންވާ އަގު އަހަރެން ތިބާއަށް ދޭނޭ ގޮތެއް ނޭނގެއެވެ. އެކަމަކު އަހަރެންގެ ޚަޒާނާ ގުދަނަށް ތިބާ ވައްދާނަމެވެ. އަދި ހަ ގަޑިއިރު ދޭނަމެވެ. ގެންދެވުނު ވަރަކަށް ގެންދާށެވެ. މި މުތުގެ އަގަކީ އެޔެވެ.
މަސްވރިޔާ ބުންޏެވެ. "ސާހިބާއެވެ. އެ ވަގުތު ދެ ގަޑިއިރަށްހަދައިދެވިދާނެތޯއެވެ. ހަ ގަޑި އިރަކީ އަހަރެން ކަހަލަ އާދައިގެ މަސްވެރިއަކަށް ވަރަށް ދިގު މުހުލަތެކެވެ."
ގަވަރުނަރު ބުންޏެވެ. " ނޫނެކެވެ.! ހަ ގަޑިއިރުގެ ތެރޭގައި ބޭނުން އެއްޗެއް ގެންދާށެވެ."
ދެން އޭނާ ޚަޒާނާ ތަކުގެ ތެރެއަށްވަނެވެ. އޭނާއަށް ފެނުނީ މާ ސިންގާ ކޮޓަރިއެއްގެ ތެރެއިން ތިން ކޮޓަރިއަކަށް ވަދެވޭ ގޮތަށް ހެދިފައިވާތީ އެވެ.
އޭގެ އެއް ކޮޓަރީގައިވަނީ ތަފާތު ގަހަނާތަކާއި، ރަނާއި ރިއްސެވެ . އަނެއްކޮޓަރީގައިވަނީ އަގުހުރި، ރީތި، އަރާމު ތަންމަތިތަކެވެ އެނދު މީހަކަށް އެ ފެނިއްޖެ ނަމަ އެތާގައި ނިދުމަށް އެދޭނެއެވެ. އަނެއް ކޮޓަރީގައި ވަނީ ތަފާތު މީރު ކާނާތަކާއި ބުއިންތަކެވެ.
މަސްވެރިޔާ ހިތަށްއެރިއެވެ. "ހަ ގަޑިއިރު … އަހަރެންފަދަ އާދައިގެ މީހަކަށް ހަ ގަޑިއިރު އެކަށީގެން ނުވެއެވެ. މި ގަޑިއިރުތެރޭގައި އަހަރެން ކުރާނީ ކޮން ކަމެއްބާ އެވެ؟ އެންމެ ރަނގަޅެވެ. އަހަރެން ތިންވަނަ ކޮޓަރިން ފަށާނީއެވެ. އެތާނގައިވާ ކާތަކެތިން އަހަރެންގެ ބަނޑުފުރެންދެން ކާނީއެވެ. އޭރުން އެންމެ ބޮޑު ރަނުގެ ޚަޒާނާ އުފުލާނެހާ ބާރު އަހަރެންގައިގައި ހުންނާނެއެވެ."
ދެން އޭނާ ތިންވަނަ ކޮޓަރިއަށްގޮސް ކައި ކައި ބަނޑުފުރިއެވެ. ދެން އޭނާ ގަހަނާތަކުން ފުރިފައިފާ ފުރަތަމަ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ދިޔަމަގުމަތީގައި އޭނާއަށް މަޑު އަރާމު ތަންމަތިތައްވާ ދެވަނަ ކޮޓަރިފެނުނެވެ. އަދި ހިތައްއެރިއެވެ. "އަހަރެން ގިނައިން ކެއުމުގެ ސަބަބުން މިވަނީ ވަރުބަލިވެފައެވެ. އަހަރެން ނިދާލާއަރާމުކޮށް ގައިގައި ވަރުޖައްސާލުމަކުން ގޯހެއްނެތެވެ. އޭރުން އަހަރެންނަށް އެންމެބޮޑު ޚަޒާނާ ފަސޭހަކަމާއެކު އުފުލޭނެއެވެ. މިއީ އަހަރެންނަށް ދެން ލިބޭނޭ ފުރުޞަތެއްނޫނެވެ. އަހަރެންގެ މޮޔަކަމުންނޫނީ އަހަރެން މި ފުރުޞަތު ނަގާނުލާނެއެވެ."
ދެން އޭނާ އެނދަށްއަރާ އޮށޯވެއްޖެއެވެ. އަދި އަރާމުނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.
އޭގެ އިރުކޮޅެއްފަހުން މީހަކު އޭނާއަށް ގޮވާތީ އަޑުއިވިއްޖެއެވެ. " ތެދުވާށެވެ. ތެދުވާށެވެ. މިހިރަ މޮޔަ މަސްވެރިޔާއެވެ. ކަލޭގެ ވަގުތު ހަމަވެއްޖެއެވެ.. !!!"
"އޭނ..ކީކޭ؟ އެކަމަކު އަހަރެން އަދި އެއްވެސް އެއްޗެއް ނުގެންދަމެވެ."
"އާއެކެވެ! ހަމަ މިހާރު ނުކުންނާށެވެ."
"އާދޭސްކޮށްފާ ބުނަމެވެ. އަހަރެން މި ފުރުސަތުގެ ބޭނުން އަދި ނުކުރަމެވެ. އާދޭސްކުރަމެވެ."
"މިހާރު ކަލޭ މި ޚަޒާނާތަކުގެ ތެރަޭގައި ހަ ގަޑިއިރު ހޭދަކޮށްފިއެވެ. އެކަމަކު ވެސް އެއްވެސް އެއްޗެއް ނުގެދަން ހެއްޔެވެ؟ މިހާރު ކަލޭގެ ފަރުވާކުޑަކަމުން ހޭ އަރައި އަދިވެސް އިތުރަށް އެދެނީ ހެއްޔެވެ؟ ކަލެއަށް މި ހުރިހައި ގަހަނާތައް އެއްކޮށް ގެންދިޔުމުގައި ހަށިގަނޑު ވަރުބަލި ނުކުރެވުނީ ކީއްވެހެއްޔެވެ؟ ދެން އޭގެއަށް މޮޅު ކާނާ ގަނެ، ކަލެއަށްޓަކާ އަރާމު ތަންމަތިތައް ތައްޔާރު ނުކުރެވުނީސް ހެއްޔެވެ؟ އެކަމަކު ކަލޭވީ ފަރުވާކުޑަ މޮޔައަކަށެވެ. ހަމަ މިހާރު އޭނާ ބޭރަށްލާށެވެ. "
"ނޫން!! ނޫން!! އެހެން ނުހަދާ! އެހެން ނުހަދާ!"
~ނިމުނީ~
އެކަމަކު މިވާހަކައިގެ ޢިބްރަތެއް އަދި ނުނިމެއެވެ.
ވާހަކައިގައި ގެނެވުނު "މުަތުގެ" މަތިން ހަނދާން އެބަހުރި ހެއްޔެވެ؟
އެއި ތިބާގެ "ފުރާނައެވެ."
އެއީ އަގެއްނުވާ ބޮޑު ޖަވާހިރެކެވެ.!!!
އެކަމަކު ތިބާ އޭގެ އަގުވަޒަން ނުކުރެއެވެ.
އަދި ޚަޒާނާ ކޮޓަރިތަކަކީ މި ދުނިޔޭގެ ދިރިއުަޅުމެވެ."
އޭގެ ބޮޑުކަން ނިކަން ބަލާބަލާށެވެ. އަހަރެމެންގެ ވަގުތުތައް ހޭދަކުރަނީ އޭގެ ފަހަތުން ދުވުމުގައެވެ.
ގަހަނާތަކަކީ ހެޔޮ ޢަމަލެވެ.
"އަރާމު ތަންމަތިތަކަކީ" ތަންދޮރު ނޭނގުމެވެ.
ކާނާ އާއި ބުއިންތަކަކީ ދުނިޔަވީ އެދުންތަކެވެ އޭގެ ލައްޛަތާއި އަރާމެވެ.
އަދި އެކުވެރި މަސްވެރިޔާއަކީ ތިބާއެވެ. މިވާހަކަ ކިޔާ މީހާއެވެ. މިވާހަކަ މާނަ ކުރެވުނީ ތިބާއަށެވެ
ތިބާ ނިދިން ހޭލަންވީވަގުތު އަދިވެސް ނާންނަނީތޯ އެވެ!
އަދި އަރާމު ތަންމަތިތައް ދޫކޮށްލާކަށް ނުވޭތޯ އެވެ.
އަދި ތިބާގެ ކުރިމަތީގައިވާ ގަހަނާތައް އެއްކުރާކަށް ނުވޭތޯ އެވެ.
ތިބާއަށް ދެވިފައިވާ ވަޤުތު ހަމަވުމުގެ ކުރިންނެވެ. އޭރުން ތިބާ އެކަމާ މެދު ހިތާމަ ނުކުރާހުއްޓެވެ.
ސޫރަތުލް މުއުމިނޫން ގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ.
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ (99)لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُۚ كَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ (100)
"އެއުރެންގެ ގާތަށް މަރު އަތުވެއްޖެއުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޯ! ތިމަން އަޅާ (ދުނިޔޭގަ ޙަޔާތަށް) އަލުން އަނބުރާ ފޮނުއްވާންދޭވެ.(އެއީ) ތިމަން ފަހަތައް ދޫކުޅަކަންތަކުގައި ޞާލިޙް ޢަމަލު ކުޅައުމުގެ އެދުމުގަ އެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަ ކަށަވަރުން އެއީ އޭނާ ބުނެލާ ބަހެކެވެ. އެއުރެންގެ ފަހަތުގައި ވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުއްވާ ދުވަހަކަށް ދާންދެނެވެ."
ނޯޓް: އައިމިނަތު ޝާދިޔާގެ ލިޔުއްވުކެވެ.