މުސްތަގިއްލު ޝަރުއީ ދާއިރާއެއް ކަށަވަރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ތައުރީފް ކުރައްވައިފި އެވެ.
"ގަޟާއީ އަހަރު 2026" އިފްތިތާހް ކުރުމަށް ރޭ ސީއެޗްއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުޢީ ކޯޓުތަކުގެ ހުރިހައި ފަނޑިޔާރުން އަދުލު އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ކެނޑިނޭޅި އަދާކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ނުދެވި ދިގު މާޒީއެއް ފާއިތުވުމުގެ ސަބަބުން ކުރިމަތިވި ހުރަސްތައް ހިރާސްތަކަށް ބަދަލުވެފައިވާ ކަމަށެވެ. މިކަންކަން ރައީސް މުޢިއްޒުގެ ސަމާލުކަމަށް ގެނައުމުން މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެމަނިކުފާނު އަޅުއްވާފައިވާ ކަމަށާއި އެގޮތުން ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް އެ ދާއިރާގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ނިންމެވުން އަޅުގަނޑުމެން ސިފަކުރަނީ ގާނޫނުއަސާސީން ތަސައްވުރު ކޮށްދީފައިވަނީ މިނިވަން، ނަޒާހަތްތެރި ފަނޑިޔާރުގޭގެ ތަސައްވުރު ހަގީގަތަކަށް ހެއްދުމަށް މަނިކުފާނު އެޅުއްވި ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. މަނިކުފާނުގެ މި ނިންމުން ފަނޑިޔާރުގެއިން ބަލައިގަންނަނީ ޝުކުރުވެރި ހިތްތަކާކާއިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ރައީސުލްޖުމްހޫރިއްޔާ ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށާއި ޖާގައިގެ ގޮތުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި މިއަހަރު ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވުމަކީ ލިބޭ ހިތްވަރަކާއި ފޮނި އުއްމީދެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝަރުޢީ ދާއިރާއަށް ކުރިން ދިމާވި ހުރަސްތަކާއެކުވެސް ފަނޑިޔާރުންނާއި މުވައްޒަފުން އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ސާބިތުކަމާއެކު އަދާކުރައްވަމުންދާކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމައި އިންސާފު ގާއިމުކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލަތައް ނިންމަން މަސައްކަތް ކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީ ކުރާނެ ކަމަށް ލަފާކުރެވޭ 21،000 މައްސަލަ ކުރިއަށް ގެންދަން ދަތިނުވާނޭ ގޮތަކަށް ކަމަށެވެ. އެގޮތުން ބެކްލޮގްގައި ހުރި މައްސަލަތައް ވިލަރެސް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް މި މަހު 10ގައި އެކުލަވާލާނެ ކަމަށްވެސް ވިދާޅުވި އެވެ.