Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ރިސޯޓު ތަރައްގީ ކުރަން 16 ރަށެއް ބީލަމަށް

ހަލާލް ޓޫރިޒަމް މޮޑެލަށް ތިން ރަށަކާއި އާންމު އުސޫލުން ރިސޯޓު ތަރައްޤީކުރުމަށް 13 ރަށެއް ޓޫރިޒަމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ހަލާލް ޓޫރިޒަމް މޮޑެލަށް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިން ސަރަހައްދެއް ވަނީ ކަނޑައަޅާފަ އެވެ.

އެއީ ހދ. މަކުނުދޫ ފަރުން ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދަކާއި، ލ. ފޮނަގާދޫ އަދި ސ. ދޮންހެރައާއި އެ ރަށާ ކައިރި 0.85 ހެކްޓަރުގެ ރަށެވެ. މި ތަންތަނަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00 އެވެ.

އާންމު އުސޫލުން ރިސޯޓު ތަރައްޤީކުރުމަށް 13 ފަޅެއް ބީލަމަށް ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ މާދުނި ފަރުގެ ތިން ސަރަހައްދަކާއި ކެލާ ފަޅުގެ ދެ ސަރަހައްދެއް ހިމެނެ އެވެ. މީގެ އިތުރުން ހދ. އަތޮޅުގެ މަކުނުދޫ ފަރުގެ ދެ ސަރަހައްދަކާއި މާފަރު ފަރުގެ ތިން ސަރަހައްދެއްގެ އިތުރުން، ށ. އަތޮޅުގެ ގޮނާފަރުގެ ތިން ސަރަހައްދެއް ހިމެނެ އެވެ.

މި ސަރަހައްދުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މި ބީލަންތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތައް އޮންނާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށެވެ. ހަލާލް ޓޫރިޒަމްގެ މަޝްރޫޢުތަކާ ގުޅޭ ބައްދަލުވުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނައިރު، އެހެން ރިސޯޓުތަކާ ގުޅޭ ބައްދަލުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 11:00 ގައެވެ.