Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ކަނޑު ހޯދަން މަނަވަރު ފޮނުވައިގެން ތޮޅުމަކީ ނުރައްކަލެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް

ރާއްޖޭގެ ދެކުނު ކަނޑުން "ގެއްލުނު" ކަމަށް ބުނާ ސަރަހައްދު ހޯދަން މަނަވަރު ފޮނުވައިގެން އަވަށްޓެރިންނާ ތޮޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހަހައްދު ކަމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.

އެއާއެކު ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަވައިލަންސް އޮޕަރޭޝަނެއް އެމްއެންޑީއެފްއިން ދާދިފަހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ހަނގުރާމައަކަށް ދާނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސްކޮށް، މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށާއި އޭރުން ރައްޔިތުންނަށް ވެސް މިއީ ކިހާވަރެއްގެ ކަމެއްކަން ސާފުވާނެ ކަމަށެވެ.

"ހަމަ ނިދާހޭލައިފައި، ސާޖިދާ އަށް ހުވަފެނުން ފެނިގެން، މުއިއްޒަށް ހުވަފެނުން ފެނިގެން، މަނަވަރެއް ފޮނުވައިގެން މިއީ އަޅުގަނޑުމެންގެ އަވައްޓެރިންނާ މިގޮތަށް ތޮޅެން އުޅޭ އެއްޗެއް ނޫން. އެކަމެއް ނުވާނެ. އެއީ ނުރައްކާތެރި ކަމެއް. ރައްޔިތުންނަށް އުފުލަން އުނދަގޫވާ ވަރުގެ ކަމެއް މިއީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކަނޑުގެ ސަރަހައްދު ހޯދަން ބޭނުންނަމަ އޮތް ގޮތަކީ ބައިނަލްއަގުވާމީ ކޯޓަށް ނުވަތަ އިޓްލޮސް އަށް ދިއުން ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީގެ މައްސަލައިގައި މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި އެގޮތުން ދެ އަހަރު ދުވަސް ބޭކާރުކޮށްލީ އެ ސިޓީ އަނބުރާ ގެނައުމަށް ނުވަތަ އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށް އަމަލީ އެއްވެސް މަސައްކަތެއް ނުކޮށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އަދި މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު މިހާރު ދައްކަވާ ވާހަކަތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް "ދޮންކުރަން" ވެގެން ދައްކާ ވާހަަތަކެއް ކަމަށާއި މިކަމުގައި ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތްއިރު، ސަރުކާރުން މިކަމުގައި ކުރިއަށްދާން ނިންމީ ވެސް ނުބައި މަގަކުން ކަމަށް ޔާމީން ވިދާޅުވި އެވެ.