ކޯޓްތަކަށް ހުށަހަޅައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ 13،000 ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާ އެ މައްސަލަތައް އަވަހަށް ނިންމަން ޓާސްކު ފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ މި އަހަރުގެ "ޤަޟާޢީ އަހަރު" ގެ އިފްތިތާޙީ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ. އެހެންވެ މި އަހަރު ޝަރުއީ ދާއިރާއިން ހާސިލު ކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމާ ބެކްލޮގް ފިލުވާލުން ކަމަށް އެވެ.
ޣަނީ ވިދާޅުވި ގޮތުގައި މި ވަގުތު ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތައް އެބަހުރި ކަމަށާއި އެ އަދަދު 13،032 އަށް އަރާ ކަމަށެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ މައްސަލަތަކުގައި އިންސާފު ގާއި މުކުރުމަކީ ވަރަށް އިސްކަން ދޭން ބޭނުންވާ ކަމެއް ކަމަށާއި މައްސަލަތަކަށް އިންސާފު ގާއިމުކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21،000 މައްސަލަ ވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިގެން ކަމަށެވެ.
އެހެންވެ އެކަމަށް މަގުފަހި ކުރުމަށްޓަކައި ވަކި ޓާސްކު ފޯހެއް މާދަމާ އެކުލަވާލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޓާސްކު ފޯހުގެ ކޮންމެ މަސައްކަތެއް ވެސް ކުރިއަށް ގެންދެވޭނީ ވަރަށް ހަރުދަނާކަމާ އެކު ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
"އެ ޓާސްކްފޯހުގެ ފަރާތުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް ގާޒީ ފަނޑިޔާރުގެ ގާތުގައި އަހާ ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭނެ." އޭނަ ވިދާޅުވި އެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ މި މައްސަލަތަކުގެ ތެރެއިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ވެސް ދާއިމީ ހައްލު އަންނާނެ ކަމަށެވެ.